07 Aug 2011, 00:35
މިހާތަނަށް ދައުލަތަށް ނުލިބި ހުރި އާމްދަނީގެ ތެރެއިން އެންމެފަހުން ނުލިބޭނެ ކަމަށް ބަލައި، އުއްމީދު ދޫކޮށްލާފައިވާ 125 މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ވޭތުވެދިޔަ އަހަރުގެ ތެރޭ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ )މީރާ( އިން ހޯދާފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.
މީރާއަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި މީރާގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު ވިދާޅުވީ، ވޭތުވެދިޔަ އަހަރުގެ ތެރޭ އެ އޮތޯރިޓީއަށް ގިނަ ހުރަސްތަކަކާއި ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް، ގިނަ ލަނޑުދަނޑިތަކެއް ހާސިލްކުރެވިފައިވާ ކަމަށެވެ. އޭގެ ތެރެއިން އެންމެ މުހިންމު އެއް ކަމަކީ ދައުލަތަށް ލިބޭނެ ކަމުގެ "އުއްމީދު ދޫކޮށްލާ"ފައިވާ ފައިސާގެ ތެރެއިން 125 މިލިއަން ރުފިޔާ ހޯދާފައިވާ ކަން ޔަޒީދު ފާހަގަކުރެއްވި އެވެ.
އަދި އެ ފައިސާ ހޯދިފައިވަނީ މީރާގެ ތެދުވެރި މުވައްޒަފުންގެ އެހީތެރިކަމާއެކު ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
"ނުލިބޭނެ ކަމަށް އަޅުގަނޑުމެން އުއްމީދު ދޫކޮށްލާ ރައިޓް އޮފް ކުރަން އަޅުގަނޑުމެން ތައްޔާރުވެފައި ހުރި ފައިސާގެ ތެރެއިން 125 މިލިއަނަށް ވުރެ ގިނަ ފައިސާ ދައުލަތުގެ ބަޖެޓަށް ހޯދައިދިނީ އެމްއައިއާރްއޭގެ ތެދުވެރި އެންފޯސްމެންޓް ޓީމުން،" ޔަޒީދު ވިދާޅުވި އެވެ.
މީރާއިން ކުރިން ބުނެފައިވާ ގޮތުން، ދައުލަތަށް އެކި ފަރާތްތަކުން ދައްކަން ޖެހޭ 1.5 ބިލިއަން ރުފިޔާ އެބަ އޮތެވެ.
~
މީގެ އިތުރުން ގާނޫނުތައް ހެދުމަށް ދައުލަތަށް އެހީތެރިވެދީ، ފައިސާ ނުދައްކައި ފަރާތްތައް ޖެހިލުމެއް ނެތި އިންސާފުގެ ކުރިމައްޗަށް ގެންދިއުމުގެ މަސައްކަތް މީރާގެ ލީގަލް ޓީމުން ކެނޑިނޭޅި ކުރަމުންދާކަން ވެސް ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފާހަގަކުރެއްވި އެވެ.
އެގޮތުން މިހާތަނަށް 11 މައްސަލައެއް ކޯޓަށް ހުށަހަޅައި، ތިން މައްސަލައެއް ހިންގަމުންދާއިރު ދެ މައްސަލައެއް ކޯޓުން ބޭރުގައި ހައްލުކޮށްފައިވާކަން މީރާއިން ފާހަގަކުރެ އެވެ. އަދި މިހާތަނަށް މީރާއިން ހުށަހެޅި މައްސަލަތަކުގެ ތެރެއިން ނިމުނު ހުރިހާ މައްސަލައެއް ކާމިޔާބުކޮށްފައިވަނީ އެ އޮތޯރިޓީން ކަން ވެސް ފާހަގަކޮށްފައިވެ އެވެ.
ސަރުކާރުގެ އިގުތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ތައާރަފްކުރާ ޓެކްސްތަކަށް އިޝާރާތްކުރައްވަމުން ޔަޒީދު ވިދާޅުވީ، މިރޭގެ ރަސްމިއްޔާތުގައި ޔަޒީދު ވިދާޅުވީ، ކުރިއަށް އޮތީ ދަތި އުނދަގޫ ދުވަސްވަރެއް ކަމަށާއި އެ ޓެކްސްގެ ނިޒާމަށް ޓެކްސް ޕޭޔަރުންނާއި އަދި މީރާގެ މުވައްޒަފުންވެސް ތަމްރީނުކުރަން ޖެހޭ ކަމަށެވެ.
"މިއީ ވަރަށް އުނދަގޫ ދަތި ކަމެއް. އަޅުގަނޑުމެން ގަބޫލުކުރަން. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަމޭ. އަޅުގަނޑުމެން މިތިބީ މިފަދަ ކޮންމެ ކަމަކާ ކުރިމަތިލާން ތައްޔާރަށޭ." ޔަޒީދު ވިދާޅުވި އެވެ.
އޯގަސްޓް 2، 2010 ގައި އުފެއްދި މީރާއިން ވޭތުވެދިޔަ އަހަރު އެ މުއައްސަސާއިން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭ ޕްރެޒެންޓޭޝަނެއް މިރޭ ދައްކައިލި އެވެ. އެ ޕްރެޒެންޓޭޝަންގައި އެންމެ ތިން މަސް ދުވަހުގެ ތެރޭ ޓީޖީއެސްޓީ ތައާރަފްކުރުމަށް ކުރި މަސައްކަތާއި ކުއްލި ގޮތަކަށް ބިދޭސީންގެ ޑިޕޮސިޓް ފައިސާ ބަލައިގަންނަން ފެށުމާއި އަދި ޓެކްސް ޕޭޔަރުންނަށް ކުރި ހާއްސަ ކޮމްޕްލައަންސް ވިސިޓްތަކާއި އޮޑިޓް ދަތުރުތަކުގެ މައުލޫމާތު ދީފައިވެ އެވެ. އަދި އެތަނުގެ މުވައްޒަފުންގެ އެހީތެރިކަމާއެކު ހިންގާފައިވާ ވިޔަފާރި ޓެކްސްއާ ގުޅޭ ދޮރުން ދޮރަށް ކެމްޕޭނަށް ވެސް އަލިއަޅުވާލާފައިވެ އެވެ.
މީރާއިން މިރޭ ބުނި ގޮތުގައި އެކޮމިޝަނުގެ ކާމިޔާބީގެ ފަހަތުގައި ވަނީ އެކޮމިޝަނުގެ މުވައްޒަފުންނެވެ. ހުރިހާ ޝުކުރެއް ހައްގުވަނީ އެތަނުގެ މުވައްޒަފުންނަށެވެ. އެ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން މިރޭ އެކި ގޮތްގޮތުން ފާހަގަކޮށްލެވޭ މުވައްޒަފުންނަށް ހަނދާނީ ލިޔުން ވެސް ހަވާލުކޮށްފައިވެ އެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަދި ކުޑަދުވަސްކޮޅަކު އަޅުގަނޑާއެކީ ހަމަ ތިގޮތަށް މަސައްކަތް ކޮށްދެއްވާށޭ. އަދި ކުރިއަށޭ އޮތީ ގަދަ ކަނޑު." ޔަޒީދު ވިދާޅުވި އެވެ.