ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރު ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ފޮނުވައިދިނުމުގެ އަމުރެއް ނެރެދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފިއެވެ.

ސިވިލް ކޯޓުގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ އެ މައްސަލަ އެ ކޯޓުގައި ރަޖިސްޓްރީ ކުރީ އިއްޔެ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެމައްސަލަ އެ ކޯޓަށް ހުށަހެޅުމުން ދައުވާ ފޯމު އިސްލާހު ކުރަން ތިން ފަހަރެއްގެ މަތިން އަންގާފައިވާނެ ކަމަށެވެ. އަދި އެންމެފަހުން ދައުވާ ފޯމު އިސްލާހުކޮށް ކޯޓަށް ހުށަހެޅީ މިދިޔަ ހަފްތާގެ ތެރޭގައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުންގެ އިދާރާ އަށް އަދީބުގެ ގާނޫނީ ވަކީލު ސިރާޖު ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ އަދީބުގެ ލޮލުގެ ވަށައިގެން ކަޅީގެ ތެރެޔަށް ފެތުރޭކަލަގޮތަކަށް ހުދު ރޮނގެއް އެބަހުރިކަމަށާއި ލޮލުގެ ކަޅީގެ ކުލަ ބަދަލުވަމުންދާކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދީބުގެ ސިއްހީ ހާލަތު އިތުރަށް ގޯސްވަމުންދާތީ ސަރުކާރު ބަންދު ދުވަސްތަކުގައި ވެސް ގާނޫނީ ވަކީލަށް އެމަނިކުފާނާ ބައްދަލުކުރެވޭނެ ގޮތް ހަމަޖައްސައިދިނުމަށް އެ ސިޓީގައި ވަނީ އެދިފައެވެ.

ސިރާޖު ވިދާޅުވެފައި ވަނީ އަދީބަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކުގެ ތެރޭގައި އެތެރެ ހަށީގައި ސިސްޓް ހުރުމާއި، ކިޑްނީގައި ހިލަ އުފެދިފައިވުމުގެ އިތުރުން ލޮލުގެ ވަރަށް ނުރައްކާތެރި ބައްޔެއްކަމުގައިވާ "ގްލޮކޮމާ" ޖެހިފައިވުން ހިމެނޭ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދާދިފަހުން ވިދާޅުވެފައި ވަނީ އަދީބަށް ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދެވޭނީ އެމްއެމްޕީއާރްސީގެތެރެއިން އޭނާ ނެންގެވި ފައިސާތައް އަނބުރާ ދައުލަތަށް ދިނުމުން ކަމަށެވެ.