27 Nov 2017, 12:47
ކްލަބު ގްރީން ސްޓްރީޓްސްގެ ކޯޗުކަމުން ސޮބާހު މުހައްމަދު (ސޮބާ) ވަކިވާން ނިންމައިފި އެވެ.
ގްރީންގެ ކޯޗުކަމުން ސޮބާ ވަކިކުރި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވީ ނަމަވެސް، 'ސަން ސްޕޯޓްސް'އަށް މައުލޫމާތު ދެމުން ސޮބާ ބުނީ އޭނާ މާ ކުރިން ވެސް މިސީޒަނަށް ފަހު ކްލަބު ދޫކޮށްލުމަށް ނިންމާފައިވާ ކަން އަންގާފައިވާނެ ކަމަށެވެ. ގްރީންއާ އެކު ސޮބާ ހަދާފައިވާ އެއްބަސްވުން ވެސް މިސީޒަން ނިމުމުން ހަމަވާނެ އެވެ.
"މާ ކުރިން ވެސް ކްލަބު ދޫކޮށްލުމަށް އަޅުގަނޑު ވާނީ ނިންމާފައި. ސީޒަނުގައި ބާކީ ދެ މެޗެއް އޮތުމުން ލީގުގެ ފަހު މެޗަށް ފަހު ވެސް ކުޅުންތެރިންނަށް އަޅުގަނޑު ވާނެ އެކަން އަންގާފައި،" އޭނާ ބުންޏެވެ.
ސޮބާ ބުނީ، ގްރީނަށް ދެ ވަނަ ޑިވިޝަނާއި މިއަހަރުގެ މާލޭ ލީގުގައި ވަރަށް ރަނގަޅު ކާމިޔާބީތަކެއް ހޯދައިދެވިއްޖެ ކަމަށާއި އޭނާއަށް އެހެން ކްލަބުތަކުން ހުށަހެޅުންތައް ލިބެމުންދާ ކަމަށެވެ. އަދި އަންނަ ސީޒަނުގައި ރަނގަޅު ކްލަބަކުން ފުރުސަތު އެބައޮތް ކަމަށް ވެސް މިއަހަރު ގްރީނަށް މާލޭ ލީގުގެ ދެ ވަނަ ހޯދައިދިން ޒުވާން ކޯޗު ސޮބާ ބުންޏެވެ.
ގްރީންގެ ކޯޗުކަމުގެ ދައުރު އަދާކުރަމުން ސޮބާ ވަނީ މިއަހަރުގެ ތެރޭގައި ބާސެލޯނާގެ ޓޯވޯ އެކެޑަމީން ތަމްރީންތަކެއް ފުރިހަމަކޮށްފަ އެވެ. އެ ފުރުސަތަކީ ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ކުރީގެ ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) އޭނާއަށް ތަނަވަސްކޮށްދިން ފުރުސަތެކެވެ.
ރާއްޖޭގައި އުފެދުނު އެންމެ މޮޅު ޑިފެންޑަރުންގެ ތެރޭގައި ހިމެނޭ ސޮބާގެ ކޯޗިން ކެރިޔަރު ފުރަތަމަ ފެށީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުންނެވެ. ޕްރެޒިޑެންޓްސް 2015ގައި ސޮބާ ނިއުއަށް އިރުޝާދު ދިން އިރު، އޭނާ ވަނީ އެ މުބާރާތުގެ ރަނަރަޕްކަން އެ ކްލަބަށް ހޯދައިދީފަ އެވެ.