ރިޔާދު (27ނޮވެމްބަރު) :ޓެރެރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމާގައި މުޅި ދުނިޔެއިން ޓެރެރިޒަމް ފުހެލާނެ ކަމަށް ސައުދީއަރަބިއްޔާގެ ވަލީއަހަދު މުހައްމަދު ބިން ސަލްމާން އަލް ސައުދު ވިދާޅުވެއްޖެ އެވެ.

ޓެރެރިޒަމާ ދެކޮޅަށް 40 މުސްލިމު ގައުމު ބައިވެރިވެގެން އުފައްދައިފައިވާ އިއްތިހާދުން ރިޔާދުގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުހައްމަދު ވިދާޅުވީ ޓެރެރިޒަމްގެ ނުރައްކާތެރިކަން ހުރިހާ މުސްލިމު ގައުމުތަކުން ބަރުދާސްތު ކުރަންޖެހޭ ކަމަށާއި އެހެން ނަމަވެސް ޓެރެރިޒަމާ ދެކޮޅަށް ހަނގުރާމަކުރުމުގައި ދޭދޭ ގައުމުތަކުން މިހާތަނަށް މާބޮޑު އެއްބާރުލުން ދީފައި ނުވާ ކަމަށެވެ.

މިއީ 2015 ވަނަ އަހަރު މުހައްމަދުގެ ސީދާ ބެލުމުގެ ދަށުން އުފެއްދި އިއްތިހާދުން ބޭއްވި ފުރަތަމަ ބައްދަލުވުމެވެ.

ގުޅިފައިވާ އިއްތިހާދުގައި މުޅިންހެން ހިމެނެނީ ސުންނީ މުސްލިމުން ވެރިކަން ކުރާ ގައުމުތަކެވެ. ޝީއީން ވެރިކަންކުރަމުންދާ ސީރިއާއާއި ، އިރާން އަދި އިރާގުން އައިއެސްފަދަ ހައްދުފަހަނަ އަޅައިފައިވާ ޓެރެރިސްޓް ގްރޫޕްތައް ނައްތާލުމުގައި މުހިންމު ދައުރެއް އަދާކުރި ކަމުގައި ވިޔަސް އެ އިއްތިހާދުގައި ހިމަނައިފައެއް ނުވެ އެވެ.

ސައުދީން ޓެރެރިސްޓް ޖަމާއަތެއްގެ ގޮތުގައި ލުބްނާނުގެ ހިޒްބުﷲ ހިމަނައިފައިވާއިރު އިރާނަކީ ހިޒްބުﷲ އަށް މަދަދޭ ގައުމެކެެވެ. އަދި ސައުދީން މިހާރު ހަނގުރާމަ ކުރަމުންދާ ޔަމަނުގެ ހޫތީ ޖަމާއަތަށް އިރާނުން މަދަދުވެރިވާ ކަމަށް ވެސް ސައުދީން ތުހުމަތު ކުރެ އެވެ.

އިއްތިހާދުގައި ގަތަރު ކުރިން ހިމެނިނަމަވެސް ޖަލްސާގައި ގަތަރު ބައިވެރިވެފައެއް ނުވެއެވެ. ސައުދީން ވަނީ ގަތަރުން ޓެރެރިޒަމަށް ވާގިވެރިވާކަމަށް ބުނެ އެ ގައުމާ ހުރިހާ ގުޅުމެއް ވެސް ކަނޑައިލައިފަ އެވެ.

އިއްތިހާދުގެ ކޮމާންޑާ އިން ޗީފްއަކަށް ހަމަޖައްސައިފައި ވަނީ ފާކިސްތާނުގެ ރިޓަޔާކޮށްފައިވާ ޖެނެރަލް ރަހީލް ޝަރީފެވެ.

ބީބީސީ