ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 23 ފުޅި ބަނގުރަލާ އެކު މާލެއިން ދެ ޒުވާނަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ، އެ މައްސަލައިގެ ހައްޔަރުގައި ތިބީ އުމުރުން 25 އަހަރާއި 20 އަހަރުގެ ދެ ޒުވާނުން ކަމަށެވެ.

ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ހަފްތާގެ ހޯމަ ދުވަހުގެ ރޭ 22:35 އެހާކަންހާއިރު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެ ދެ ޒުވާނުން ހައްޔަރު ކުރީ، މާލޭ ސިނާއީ ސަރަހައްދުގެ އުތުރު ފަރާތު ޖެޓީ ކައިރިން ނެވެ.

އަދި އެ މީހުންގެ އަތުން ބަނގުރާ ފުޅިތަކެއް ފެނިފައި ވަނީ، އެ މީހުން ގެންގުޅުނު ކޮތަޅެއްގެ ތެރެއިން ފެނުނު ދެ ފޮށިގަނޑުގެ ތެރެއިން ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ، އެ މައްސަލަ ތަހުގީގު ކުރަމުންދާ އިރު، ހައްޔަރުކޮށްފައި ތިބި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައިވާ ކަމަށެވެ.