27 Nov 2017, 11:58
މިދިޔަ މަހުގެ 31 ވަނަ ދުވަހު ރިލީޒްކުރި ކްރިސްޓަލް އެންޓަޓެއިންމެންޓްގެ ފިލްމު "ބޮސް" އަތޮޅުތެރޭގެ 97 ރަށުގައި އަޅުވައިފި ކަމަށް ބޮސްގެ ޕްރޮޑަކްޝަން ޓީމުން ބުނެފި އެވެ.
ބޮސްގެ ޓީމުން ބުނީ ގިނަ ރަށްރަށުގައި ފިލްމު އެޅުވުމަށް އެދި އަދި ވެސް ރިކުއެސްޓްތައް އަންނަމުންދާ ކަމަށެވެ. ބޮސް އެޅުވި ގިނަ ރަށްރަށުން ރެކޯޑް އަދަދަކަށް ފިލްމު ބަލާފައިވާ އިރު ބައެއް ރަށްރަށުގައި ދެވަނަ ފަހަރަށް ވެސް ފިލްމު ވަނީ ސްކްރީންކޮށްފަ އެވެ.

ދިވެހި ފިލްމު ބޮސްގެ މަންޒަރެއް-- ސަން ފޮޓޯ: ކްރިސްޓަލްއެންޓަޓެއިންމަންޓް
"ފިލްމު ނުދެއްކޭ ބައެއް ރަށްރަށް އެބަހުރި. އެރަށް ރަށުން ފިލްމު އެޅުވުމުގެ އިންތިޒާމު ހަމަޖެހޭނެ އެޖެންޓެއް ނޫނީ ޖަމްއިއްޔާ އަކުން އަޅުގަނޑުމެންނާ ގުޅުމުން. ބައެއް ރަށްރަށުގެ ޕީޓީއޭ އިން އިސްނަގައިގެން ވެސް ފިލްމު އަޅުވާފައިވޭ،" ބޮސްގެ ޕްރޮޑަކްޝަން ޓީމުން ބުންޏެވެ.
ބޮސްގެ ހައުސްފުލް 20 ޝޯ އޮލިމްޕަހުގައި ދައްކާފައިވާ އިރު، މިހާތަނަށް 27 އަށް ވުރެ ގިނަ ޝޯ ވަނީ އޮލިމްޕަހުގައި ދައްކައިފަ އެވެ. ބޮސްގެ ވަދާއީ ޝޯތައް އަންނަ މަހުގެ 3 އަދި 4 ގައި ދައްކާނެ އެވެ.

ބޮސްގެ މަންޒަރެއް -- ފޮޓޯ: ބޮސް
ބޮސް އަކީ ނަހުލާގެ ވާހަކައަކަށް އޭނާ ޕްރޮޑިއުސްކޮށް، އާއިޝަތު ރިޝްމީ ޑައިރެކްޓް ކޮށްފައިވާ އަސަރުގަދަ ލޯބީގެ ފިލްމެކެވެ. މިއީ މި އަހަރު އެޅުވި އެންމެ އަސަރުގަދަ، އެންމެ ވަރުގަދަ ފިލްމެވެ. އެކަމަށް އެންމެ ބާރުދޭ ކަމަކީ ބޮސް ބަލަން ވަދެފައި ނިކުންނަ މީހުންގެ ދޫދޫ މަތިން އެ ފިލްމުގެ ވަރުގަދަ ޑައިލޮގްތައް އިވޭއިރު ގިނަ ބައެއްގެ ފޭސްބުކް ސްޓޭޓަސްތަކުގައި ވެސް މިހާރު ހުންނަނީ ބޮސްގެ ޑައިލޮގްތައް ކަމަށް ވުމެވެ.

ދިވެހި ފިލްމު ބޮސްގެ މަންޒަރެއް --- ސަން ފޮޓޯ: ކްރިސްޓަލް އެންޓަޓެއިންމެންޓް
ބޮސް އިން ދައްކައިދެނީ، މުއްސަނދި އަންހެއްކުއްޖެއްގެ މުދާގަނޑުގެ މައްޗަށް ގަދަވެގަތުމަށް ބަޔަކު ކުރާ މަސައްކަތެވެ. ކުޑައިރު މަންމަ ނިޔާވެފައިވާ އެ އަންހެން ކުއްޖާ، ބޮސްގެ ލީޑުން ފެނިގެންދާ މަރިޔަމް އައްޒަ (އިބާ) ހަމައެކަނި ބައްޕަގެ ލޯބި ލިބިގެން ބޮޑުވެ ކުއްލިއަކަށް އެ ބައްޕަ ނިޔާވުމުން ނަފްސާނީ ގޮތުން އޭނާ ކުރިމަތިލާ ހަނގުރާމަ އެވެ.
މީގެ އިތުރުން "ޑިޕްރެޝަން"އިން އަރައިގަތުމަށް އިބާ ކުރިމަތިލާ ގޮންޖެހުންތަކާއި އެކަމުގެ ތެރޭގައި ކުރެވޭ މަޖުބޫރީ ކައިވެންޏަކާ އެކައިވެނިން ލިބޭ ހިތްދަތިކަން، އަދި ލޯބިވާ މީހާ ނުލިބުމުން ކުރާ ހިތްދަތި އަސަރު ވެސް ބޮސް ފިލްމުން ފެނިގެންދެ އެވެ.
ފިލްމުގެ ނަން "ބޮސް" އިޝާރަތް ކުރަނީ ބޮސް ދިނުމަށެވެ. "ލޯތްބަށް ޓަކައި ދޭ ބޮސްގެ ބާރު" މި ފިލްމުން ދައްކައިދެ އެވެ. މީގެ އިތުރުން އިހްލާސްތެރި ދުއާގެ ބާރު ވެސް މި ފިލްމުން ފެންނާނެ އެވެ.