07 Aug 2011, 00:23
ތަކެތީގެ އަގު ތިރިކުރުމަށް ގޮވާލައިން ޒުވާނުންގެ ނަމުގައި މިރޭ ފެށި މުޒާހަރާއަށް ފުލުހުން ހުރަސް އެޅުމުން މުޒާހަރާގެ ބައިވެރިން ބައިބައިވެ، އެންމެފަހުން މުޒާހަރާ ނިންމާލައިފި އެވެ.
މަދު ބަޔަކާއެކު މިރޭ 9:30 އެހާކަންހާއިރު، އާޓްފިޝަލް ބީޗު ސަރަހައްދުން ފެށި މުޒާހަރާ ޗާންދަނީ މަގު ހަތަރު އަނގޮޅި ކަންމައްޗަށް ދިއުމަށް ހިނގައި ގަތުމާއެކު ފުލުހުން ވަނީ މަޖީދީމަގު ވަތަނިއްޔާ ފިހާރަ ކުރިމަތިން މުޒާހަރާގެ ބައިވެރިންނަށް ނުދެވޭ ގޮތަށް ބަންދުކޮށްފަ އެވެ. އަދި ރަޔަޓް ގިޔަރުގައި ތިބި ފުލުހުން މުޒާހަރާ ލީޑު ކުރަން ހުރި ޒެޑް ފެކްޝަންގެ އެކްޓިވިސްޓް އިބްރާހިމް ނާޒިމް ހައްޔަރު ކުރި އެވެ. އަދި އަޑުގަދަކުރާ ހަރުކޮށްފައި ހުރި ޕިކަޕްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.
މުޒާހަރާ ކުރި މީހުންނަށް ފުލުހުން ހުރަސް އެޅުން ބައެއް މީހުން ވަނީ ފުލުހުންނާ ކުރިމަތިލައި ހަމަނުޖެހުން ހިންގާފަ އެވެ. އަދި މަގު ހުރަސްކޮށްގެން ތިބި ފުލުހުންގެ ލައިން ފަޅާލާފައި ދާންވެސް މުޒާހަރާ ކުރާ މީހުން އުޅުނެވެ. ނަމަވެސް ފުލުހުން އެ މީހުން ހުއްޓުާފަ އެވެ.
ޗާންދަނީ މަގަށް ދިމާއަށް މިސްރާބުޖެހި މީހުނަށް ހުރަސް އެޅި ފުލުހުންގެ ލައިން، ފުލުހުން އަމިއްލައަށް ރޫޅާލައި، އެ މީހުންނަށް ޖާގަދިނުމާ އެކު މުޒާހަރާގެ ބައިވެރިން ނައްޓާލީ މުލިއާގެއާ ދިމާލަށެވެ. އަދި އެ މުލިއާގެ ކައިރީގައި މަޑު ކުރުމަށް ފަހު، މުޒާހަރާ ކުރި މީހުން ދިޔައީ ޗާންދަނީ މަގު ހަތަރު އަނގޮޅި ކަންމައްޗަށެވެ. އެ މީހުން އެ ދިމާލަށް ދިއުމަށް ނައްޓާލުމާ އެކު އެމްޑީޕީގެ އެކްޓިވިސްޓުން ވަނީ އެ މީހުންނާ ދިމާކޮށް އަޑު ގަދަކޮށްފަ އެވެ. އަދި ދެ ބައިމީހުންގެ ދެމެދުގައި ބަހުގެ ހޫނު ހަމަލާތަކެއް ވެސް ދިޔަ އެވެ، ނަމަވެސް ފުލުހުން އެ ސަރަހައްދުގެ ބައެއް މަގުތައް ބަންދުކުރުމުން މުޒާހަރާގެ ބަވެރިން ވަނީ ބައިބައިވެފަ އެވެ.
ޗާންދަނީ މަގުގެ ހަތަރު އަނގޮޅި ކަންމައްޗަށް ނުވަތަ ޗަންގްޝަން ސަރަހައްދަށްދަށް މަދު ބަޔަކު ޖަމާވުމާއެކު، ރަޔަޓް ގިޔަރުގައި ތިބި ފުލުހުން ވަނީ އެމީހުން އެ ސަރަހައްދުން ފައްސާލާފަ އެވެ. އަދި އެ ސަރަހައްދަށް އެއްވި މީހުން ތަކުގެ ތެރެއިން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވީ 10 ވަރަކަށް މީހުން ހައްޔަރު ކުރި އެވެ. އެ މީހުންގެ ތެރޭގައި ފަސް ވަރަކަށް އަންހެނުންވެސް ހިމެނެ އެވެ.
މިރޭ މުޒާޙާރާ ނިންމާލީ 12:00 ޖަހަން އުޅެނިކޮށެވެ. އަދި މުޒާހަރާ ނިންމާލަމުން މާދަމާ ރޭ ވެސް މުޒާހަރާ ކުރާނެ ކަމަށް އިއުލާން ކުރި އެވެ.
މިރޭގެ މުޒާހަރާގައި އެއްވެސް ސިޔާސީ ޕާޓީއަކުން ބައިވެރި ނުވެ އެވެ. ނަމވެސް ޒެޑް ފެކްޝަންގެ ބައެއް އެކްޓިވިސްޓުން މުޒާހަރާގައި ބައިވެރިވި އެވެ.