27 Nov 2017, 13:21
ރިޔާޒް (ނޮވެމްބަރު 27) : ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން ޓެރަރިޒަމާ ދެކޮޅަށް އުފައްދާފައިވާ އިސްލާމީ އަސްކަރީ އިއްތިޙާދުގެ ދިފާއީ ވަޒީރުންގެ ބައްދަލުވުން ނިންމާލައިފި އެވެ.
މިބައްދަލުވުމުން ނެރުނު ގުޅިފައިވާ ބަޔާނުގައި އިސްލާމީ ގައުމުތަކަށް ޖެހިފައިވާ އެންމެ ބޮޑު އާފާތަކީ ދީނުގެ ނަމުގައި ހައްދު ފަހަނަޅައި ދިޔުމާއި ދީނުގެ ނަމުގައި ހަރުކަށި ކަމާއި ޓެރަރިޒަމްގެ އަމަލުތައް ހިންގުމާއި އެކަމުގެ ނުރައްކާތެރި ފިކުރު (އައިޑިއޮލޮޖީ) މުސްލިމް ޒުވާނުންގެ މެދުގައި ފެތުރިގެން ދިޔުން ކަމަށް ބުނެފައިވެ އެވެ. މި ބައްދަލުވުމުން ނެރުނު ގުޅިފައިވާ ބަޔާން އިއްވެވީ އިސްލާމީ އަސްކަރީ އިއްތިޙާދުގެ އަމީން އާންމު މޭޖާ ޖެނެރަލް އަބްދުލްއިލާހް އައްސާލިޙް އެވެ.
މިބަޔާނުގައި މަޛްހަބީގޮތުންނާއި ފިކުރުގެ ގޮތުންނާއި ފިގްހީ ކަންކަމާމެދު ދެކޭގޮތާއި ވިސްނާ ގޮތާއި ތަފްސީރު ކުރާގޮތުން ޚިޔާލު ތަފާތުވިނަމަވެސް އެއްމުސްލިމަކު އަނެއް މުސްލިމަކު ކާފަރު ނުކުރުމާއި މުޖްތަމައުގައި ފިތްނަ ނުއުފެއްދުމާއި ބިރުދައްކައިގެންނާއި ބާރުގެ ބޭނުންކޮށްގެން ދީނުގެ ނަމުގައި ތިމާގެ އަމިއްލަ ގޮތްތަކާއި ފިކުރުތައް ފަތުރަން އުޅުމަކީ ޓެރަރިޒަމް ކަމަށް ސިފަކޮށް މިފަދަ ކަންކަމާ ކުރިމަތިލުމަށް އަޒުމް ކަނޑައަޅާފައިވެއެވެ. އަދި އެއްބަޔަކު އަނެއް ބަޔަކަ ދެކޮޅަށް ބަދަލުހިފުމުގެ ރޫހުގައި ކުރާކަންކަމުގެ ތެރެއަށް ދީން ވައްދައިގެން އެހެން މުސްލިމުންގެ ވިސްނުން ބަދަލުކުރުމަށް ކުރާ ފިކްރީ ހަނގުރާމައަކީ ވެސް ޓެރަރިޒަމް ކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން އިސްލާމް ދީނުގައި އެންމެ ކުރީއްސުރެ އޮތް ސާދާ ސީދާ މަފްހޫމްތަކަށް އަލުން އެނބުރި ރުޖޫއަވުމަށް ވެސް ގޮވާލާފައިވެ އެވެ. ހަރުކަށި ކަމާއި ދީނުގެ ނަމުގައި އެކިކަންކަން ހަރާމްކުރުމާއި އަތްއިސް ކުރުމަކީ އިސްލާމް ދީނުގެ ސައްޙަ މަފްހޫމްތައް ނޫންކަމާއި އެއީ މިފަހަކަށް އައިސް ދީނުގެ ނަމުގައި ބަޔަކު އަމިއްލަ އެޖެންޑާތައް ތަންފީޒު ކުރުމަށް ޓަކައި ދީން ހަތިޔާރަކަށް ހަދައިގެން ގެންގުޅެން ފަށާފައިވާ ދީނާ އެއްވެސް ގުޅުންނެތް ފިކުރުތައްކަން ބަޔާންކޮށްފައިވެ އެވެ.

އިސްލާމީ އިއްތިޙާދުގެ އަމީން އާންމު ގުޅިފައިވާ ބަޔާން އިއްވަނީ
މިބަޔާނުގައި ސައޫދީ އިސްކޮށް އޮވެގެން އުފައްދާފައިވާ އިސްލާމީ އަސްކަރީ އިއްތިޙާދަކީ ވަކި ގައުމަކާ ނޫނީ މުސްލިމުންގެ ވަކި މަޛްހަބަކާ ދެކޮޅަށް އުފައްދާފައިވާ އިއްތިޙާދެއް ނޫންކަމާއި މިއީ ހަމައެކަނި އިސްލާމް ދީނުގެ ނަމުގައި ހައްދު ފަހަނަޅައި ދިޔުމާއި ދީނުގެ ނަމުގައި ހަރުކަށި ކަމާއި ޓެރަރިޒަމްގެ އަމަލުތައް ހިންގުމާ ދެކޮޅަށް މަސައްކަތް ކުރުމަށް އުފައްދާފައިވާ އިއްތިޙާދެއްކަން ވަރަށް ސާފުބަހުން ބުނެފައިވެ އެވެ.
މިބައްދަލުވުމުން ނެރުނު ގުޅިފައިވާ ބަޔާނުގައި މިމައްސަލަ ފާހަގަކޮށްފައި މިވަނީ މިއީ ސައޫދީ އަރަބިޔާ އާއި އީރާނާ ދެމެދު އޮންނަ ސިޔާސީ ވާދަވެރިކަމުގައި ސައޫދީންގެ ބާރާއި ނުފޫޒު އިސްލާމީ ދުނިޔޭގައި އޮންނަ މިންވަރު އީރާނަށް ދައްކައި ސިޔާސީ ގޮތުން ފައިދާ ނެގުމަށް ސައޫދީން ފައިސާ ދީގެން އުފައްދާފައިވާ އިއްތިޙާދެއްކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރާތީ ކަމަށްވަނީ ބެލެވިފަ އެވެ. މި އިއްތިޙާދަކީ ނަމުގައި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުން އޮތްނަމަވެސް ކަމުގައި އީރާނަށް އަމާޒުކޮށްގެން އުފައްދާފައިވާ އިއްތިޙާދެއް ކަމަށް މިއިއްތިޙާދުގައި ހިމެނޭ ބައެއްގައުމުތަކުން ދެކޭތީ އެގައުމުތަކުގެ އެއްބާރުލުން މިއިއްތިޙާދުގައި ކުޑަވެފައި އެގައުމުތަކުގެ ބައިވެރިވުންވެސް އޮންނަނީ ހަމައެކަނި ނަމެއްގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިއިއްތިޙާދުގައި ހިމެނޭ ގައުމުތަކުގެ ދިފާއީ ވަޒީރުންގެ ބައްދަލުވުން އިފްތިތާޙް ކޮށްދެއްވީ ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން އެވެ. އިފްތިތާޙް ކުރުމުގެ ގޮތުން އިއްޔެ އޭނާ ދެއްވި ތަގްރީރުގައި، މިބައްދަލުވުމުގެ ބޭނުމަކީ އިސްލާމް ދީނުގެ ނަމުގައި ޓެރަރިޒަމްގެ އަމަލުތައް ހިންގައި މުސްލިމުން މަރައި މިސްކިތްތަކަށް ހަމަލާދީ އެތަންތަން ލޭގެ ކޯރުތަކަށް ހަދަމުން ގެންދާ ހައްދު ފަހަނަޅާފައިވާ ތަކްފީރީ ޖަމާއަތްތަކަކީ އިސްލާމް ދީނާއި މުސްލިމުންގެ އެންމެ ބޮޑު ދުޝްމަނުން ކަމުގެ މެސެޖް ދިނުން ކަމަށް ވިދާޅުވި އެވެ.