27 Nov 2017, 10:30
ދަތް އުނގުޅާ ބުރުހަކީ އަމިއްލަ ސާފުތާހިރު ކަމުގައި އެންމެ މުހިއްމު އެކައްޗެވެ. މިއީ އެންމެ ބެކްޓީރިއާ ގިނަ އެކައްޗެވެ. ސާފުކޮށް ނުބަލަހައްޓާ ނަމަ އޭގެ ސަބަބުން ގިނަ ބަލިތައް ޖައްސާނެ އެއްޗެކެވެ.
ދަތް އުނގުޅާ ބުރުހާ ގުޅޭ ގޮތުން މި ވާހަކަތައް އެނގޭހެއްޔެވެ؟
އިލެކްޓްރޯނިކް ދަތް އުނގުޅޭ ބުރުހަކީ އަނގައިގެ އެތެރެ އެންމެ ރީއްޗަށް ސާފުކޮށްދޭނެ އެއްޗެއް ނޫނެވެ. މިއީ އަނގާގައި ހުންނަ ބެކްޓީރިއާތައް ހިރުގަނޑުގެ ތެރެއަށް ވައްދާލާ އެއްޗެކެވެ.
އެހެން މީހެއްގެ ބުރުސް ބޭނުން ކުރުމަކީ ގިނަ ބަލިތައް ޖެހޭނެ ކަމެކެވެ. އަބަދުވެސް އަމިއްލަ ދަތް އުނގުޅާ ބުރުހެއް ބޭނުން ކުރާށެވެ. ދަތް އުނގުޅާ ވަގުތު ފާޚާނާ ތަށި ފްލަޝް ކުރުން ވެސް ރަނގަޅެއް ނޫނެވެ. މިއީ ބުރުހުގައި އިތުރަށް ބެކްޓީރިއާ ހަރުލާ ކަމެކެވެ. ފްލަޝްކުރާ ވަގުތު ގިނަ އަދަދެއްގެ ބެކްޓީރިއާ ވައިގެ ތެރެއަށް ދެ އެވެ. އެއާ އެކު މި ބެކްޓީރިއާތައް ދަތް އުނގުޅާ ބުރުހުގައި ހަރުލާނެ އެވެ. ދަތް އުނގުޅުމަށް ފަހު ބުރުސް ފާޚާނާ އިން ބޭރުގައި ބާއްވަން ޖެހެނީ މި ސަބަބާ ހުރެ އެވެ.
ދަތް އުނގުޅާ ބުރުސް ސާފުކަން މަތީ ބޭއްވުމަށް ކުރެވިދާނެ މުހިއްމު ކަންތައް އެމެރިކަން ޑެންޓަލް އެސޯސިއޭޝަން އިން ވަނީ ބުނެދީފަ އެވެ. އެގޮތުން ދަތް އުނގުޅުމަށް ފަހު ބުރުސް ރީތިކޮށް ސާފު ކުރަން ޖެހޭނެ ކަމަށާއި އެއްވެސް ވަރަކަށް ބޭހުގެ އަސަރު ނުހުންނާނެ ވަރަށް ބުރުސް ސާފުކުރަން ޖެހޭނެ ކަމަށް އެ ފަރާތުން ބުނެ އެވެ. މީގެ އިތުރުން ބުރުހުގެ ތެތްކަން އަމިއްލަ އަށް ކެނޑޭނެހެން ބޭއްވުމަށާއި ކަވަރުލާ ބަންދު ނުކުރުމަށް ވެސް އެފަރާތުން އިލްތިމާސް ކުރެ އެވެ. ބުރުސް ނުހިކެނީސް ކަވަރު އަޅާ ބަންދު ކުރުމުން ބެކްޓީރިއާ އުފެދޭ މިންވަރު އިތުރުވާނެ އެވެ.
މީގެ އިތުރުން އެކަކު ބޭނުންކުރާ ބުރުސް އަނެކާ ބޭނުން ނުކުރުމާއި ގިނަ ބުރުސްތައް އެކައްޗެއްގެ ތެރޭގައި ބަހައްޓާ ނަމަ، އެކަތި އަނެކެތީގައި ނުޖެހޭނެހެން ބެހެއްޓުމަށް ސަމާލުކަން ދޭންޖެހޭނެ ކަމަށް ވެސް އެމެރިކަން ޑެންޓަލް އެސޯސިއޭޝަން އިން ބުނެ އެވެ.