27 Nov 2017, 10:36
ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ބަތަލާ ދީޕިކާ ޕަދުކޯން އާ ފިލްމެއް ކުޅުމަށް ސޮއިކޮށްފި އެވެ.
ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި ދީޕިކާ ބުނީ އެ ފިލްމް ކުޅެން އެއްބަސްވީ 'ޕަދްމާވަތީ' ރިލީޒްކުރުން މާ ލަސްވެގެން ދާތީ ކަމަށެވެ.
ކްރީއަރްޖް އެންޓަޓައިންމަންޓުން ވިޝާލް ބަރްދްވާޖް ޕްރޮޑިއުސްކުރާ އެ ފިލްމަކީ މާފިއާ ކުއީނެއްގެ ވާހަކައެއްގެ މައްޗަށް ކުޅޭ ފިލްމެކެވެ.
ދީޕިކާގެ އިތުރުން ފިލްމްގައި ދެން ފަންނާނެ ބަތަލަކީ އިރްފާން ޚާނެވެ. ހަނީ ޓްރެހާން ޑައިރެކްޓްކުރާ އެ ފިލްމްގެ ޝޫޓިންގް އަންނަ ޖަނަވަރީ މަހު ފެށިގެންދާނެ ކަމަށް ފިލްމުގެ ޑައިރެކްޝަން ޓީމުން ބުންޏެވެ.
ނަމަވެސް ކަންތައްތައް ދިމާވާ ގޮތުން ފިލްމްގެ ޝޫޓިންގް އަންނަ ފެބްރުއަރީ މަހު ފެށިގެން ގޮސްދާނެ ކަމަށެވެ. ފިލްމުގެ ޝޫޓިން ފަށާ ފަހުން "ޕަދްމާވަތީ" ރިލީޒް ކުރެވޭ ގޮތް ވިޔަސް އެ ފިލްމު ޕްރޮމޯޓްކުރުމުގެ މަސައްކަތްކުރަން ދީޕިކާ އަށް ވަގުތު ދީ ޝޫޓިން މެދުކެނޑުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ފިލްމްގެ ޕްރޮޑިއުސަރު ބުންޏެވެ.