ދައުލަތެއް ދެމި އޮންނަނީ އަސާސީ ހަތަރު ކަމެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ކަމަށާއި އެކަންކަން ފުރިހަމަ ކުރެވޭނީ ޓެކްސް ނަގައިގެން ކަމަށް ފިނޭންސް މިނިސްޓާ އަހްމަދު އިނާޒް މިރޭ ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ )މީރާ( އަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިނާޒް ވިދާޅުވި ގޮތުގައި، ދައުލަތުން ފޯރުކޮށްދޭން ޖެހޭ އަސާސީ ހަތަރު ކަމުގެ ތެރޭގައި ހިމެނެނީ ތައުލީމީ ނިޒާމުގެ ތެރެއިން ދުނިޔަވީ އަދި އުހުރަވީ ހަގީގަތްތައް ނުވަތަ މައުލޫމާތު ފޯރުކޮށްދިނުމާއި ރައްޔިތުންނަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ އިތުރަށް އަދުލު އިންސާފު ގާއިމްކޮށްދިނުން އަދި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ވެލްފެއާގެ ހިދުމަތްތައް ފޯރުކޮށްދިނުމެވެ.

އަދި އެކަންކަން ފޯރުކޮށްދެވޭނީ ޓެކްސް ނަގައިގެން ކަމަށާއި އެހެންކަމުން މީރާއިން މިހާރު ކުރަމުންދަނީ ވަރަށް މުހިންމު މަސައްކަތެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މިދެންނެވި ހަތަރު ކަންތައްތައް ފޯރުކޮށްދިނުމަށްޓަކައި ދައުލަތުން އަބަދުވެސް ހަރަދުތަކެއް ހިނގާ، ރިސޯސަސްތަކެއް ބޭނުންކުރަން ޖެހޭ. އެ ރިސޯސަސްތައް ހޯދުމަށްޓަކައި މިއަދު ދުނިޔޭގެ ތަރައްގީވަމުން އަންނަ ގައުމުތައް ބިނާކުރަނިވި އެންމެ ބޮޑު ފައުންޑޭޝަނަކީ ]ބިންގަލަކީ[ ޓެކްސްގެ ނިޒާމް. ޓެކްސް ނެގިގެން ދައުލަތެއް ހިންގެނީ. މިދެންނެވި ހަތަރު ކަންތައްތައް ފޯރުކޮށްދެވޭނީ،" ފިނޭންސް މިނިސްޓާ ވިދާޅުވި އެވެ.

މީރާގެ މަސައްކަތްތަކަށާއި މުވައްޒަފުންނަށް ތައުރީފްކުރައްވަމުން މިނިސްޓަރު އިތުރަށް ވިދާޅުވީ، ސިޔާސީ އުނދަގޫތަކާއި ހުރަސްތަކަށް ނުބަލައި ވީހާވެސް އަދުލުވެރި ނިޒާމެއްގެ ތެރެއިން ޓެކްސް ނެގުމުގެ މަސައްކަތް އަބަދުވެސް މީރާއިން ކުރަމުން ގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

އަދި ފިނޭންސް މިނިސްޓްރީން ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދޭނެ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު މިރޭ ދެއްވި އެވެ.

މިރޭ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނެއް ގޮތުގައި ބައިވެރިވެވަޑައިގެން، ފިނޭންސް މިނިސްޓާ ވަނީ މީރާގެ އާ ލޯގޯ އާއި އަދި ވެބްސައިޓުވެސް އިފްތިތާހުކޮށްދެއްވައިފަ އެވެ.

ޓެކުހާއި އަދި އެހެނިހެން ގޮތް ގޮތަށް ދައުލަތަށް ލިބެން ޖެހޭ ހުރިހާ ފައިސާއެއް ހޯދުމުގެ މަސައްކަތްކޮށް، އެކަން ބެލެހެއްޓުމުގެ މަސައްކަތްކުރާ މީރާއަށް އެއް އަހަރު ފުރިފައިވަނީ މިމަހުގެ ދެވަނަ ދުވަހެވެ.