މިދިޔަ މަހުގެ 31 ވަނަ ދުވަހު ރިލީޒްކުރި، މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ފާތިމަތު ނަހުލާގެ ފިލްމު "ބޮސް"ގެ 27 ޝޯ މި ހާތަނަށް އޮލިމްޕަހުގައި ވަނީ ދައްކައިފަ އެވެ.

ވިއްސަށް ވުރެ ގިނަ ހައުސްފުލް ޝޯ އޮލިމްޕަހުގައި ދެއްކުމަށް ފަހު، މިހާރު ދައްކަމުން އަންނަނީ ބޮސްގެ ފަހު ޝޯތަކެވެ. ވަދާއީ ޝޯތައް އަންނަ މަހު 3 އަދި 4ގައި އޮލިމްޕަހުގައި ދައްކާނެ އެވެ.

ބޮސްގެ މަންޒަރެއް -- ފޮޓޯ: ބޮސް

ނަހުލާ ބުނީ އޮލިމްޕަސް ސްކްރީނުން ބޮސް ނެގުމުގެ ކުރިން ފިލްމު ނުބަލާ ތިބި މީހުން، އަވަހަށް ޓިކެޓް ނަގަންވާނެ ކަމަށެވެ. ފަހުން ޓިކެޓް ނުލިބުން އެކަށީީގެންވާ ކަމަށް ވެސް ނަހުލާ ބުންޏެވެ. މީގެ އިތުރުން ސިނަމާ ނުލިބުމުގެ ސަބަބުން މާލެ އަދި ހުޅުމާލެ ޝްވެކް ސިނަމާގައި ބޮސް ނާޅުވާނެ ކަމަށް ވެސް ބޮސްގެ ޓީމުން ބުނެ އެވެ.

ބޮސްގެ ހައުސްފުލް ގިނަ ޝޯތަކެއް އަތޮޅުތެރޭގެ ރަށްރަށުގައި ވެސް އަންނަނީ ދައްކަމުންނެވެ. މީގެ އިތުރުން ގިނަ ރިސޯޓްތަކުގައި ވެސް ބޮސް އަޅުވަމުންދާކަން ފާހަގަކޮށްލެވެ އެވެ.

ބޮސްގެ މަންޒަރެއް -- ފޮޓޯ: ބޮސް

ބޮސް އަކީ ނަހުލާގެ ވާހަކައަކަށް އޭނާ ޕްރޮޑިއުސްކޮށް، އާއިޝަތު ރިޝްމީ ޑައިރެކްޓް ކޮށްފައިވާ އަސަރުގަދަ ލޯބީގެ ފިލްމެކެވެ. މިއީ މި އަހަރު އެޅުވި އެންމެ އަސަރުގަދަ، އެންމެ ވަރުގަދަ ފިލްމެވެ. އެކަމަށް އެންމެ ބާރުދޭ ކަމަކީ ބޮސް ބަލަން ވަދެފައި ނިކުންނަ މީހުންގެ ދޫދޫ މަތިން އެ ފިލްމުގެ ވަރުގަދަ ޑައިލޮގްތައް އިވޭއިރު ގިނަ ބައެއްގެ ފޭސްބުކް ސްޓޭޓަސްތަކުގައި ވެސް މިހާރު ހުންނަނީ ބޮސްގެ ޑައިލޮގްތައް ކަމަށް ވުމެވެ.

ބޮސް އިން ދައްކައިދެނީ، މުއްސަނދި އަންހެއްކުއްޖެއްގެ މުދާގަނޑުގެ މައްޗަށް ގަދަވެގަތުމަށް ބަޔަކު ކުރާ މަސައްކަތެވެ. ކުޑައިރު މަންމަ ނިޔާވެފައިވާ އެ އަންހެން ކުއްޖާ، ބޮސްގެ ލީޑުން ފެނިގެންދާ މަރިޔަމް އައްޒަ (އިބާ) ހަމައެކަނި ބައްޕަގެ ލޯބި ލިބިގެން ބޮޑުވެ ކުއްލިއަކަށް އެ ބައްޕަ ނިޔާވުމުން ނަފްސާނީ ގޮތުން އޭނާ ކުރިމަތިލާ ހަނގުރާމަ އެވެ.

ދިވެހި ފިލްމު ބޮސްގެ މަންޒަރެއް --- ސަން ފޮޓޯ: ކްރިސްޓަލް އެންޓަޓެއިންމެންޓް

މީގެ އިތުރުން "ޑިޕްރެޝަން"އިން އަރައިގަތުމަށް އިބާ ކުރިމަތިލާ ގޮންޖެހުންތަކާއި އެކަމުގެ ތެރޭގައި ކުރެވޭ މަޖުބޫރީ ކައިވެންޏަކާ އެކައިވެނިން ލިބޭ ހިތްދަތިކަން، އަދި ލޯބިވާ މީހާ ނުލިބުމުން ކުރާ ހިތްދަތި އަސަރު ވެސް ބޮސް ފިލްމުން ފެނިގެންދެ އެވެ.

ފިލްމުގެ ނަން "ބޮސް" އިޝާރަތް ކުރަނީ ބޮސް ދިނުމަށެވެ. "ލޯތްބަށް ޓަކައި ދޭ ބޮސްގެ ބާރު" މި ފިލްމުން ދައްކައިދެ އެވެ. މީގެ އިތުރުން އިހްލާސްތެރި ދުއާގެ ބާރު ވެސް މި ފިލްމުން ފެންނާނެ އެވެ.