27 Nov 2017, 09:22
ރޭޕްގެ ތުހުމަތުގައި، ސޮނީ ޓީވީ އިން ދައްކާ ކާމިޔާބު ޑްރާމާ ސިލްސިލާ 'ބޭހަދް'ގައި 'ސަމޭ'ގެ ރޯލުން ފެނިގެންދާ އެކްޓަރު ޕިޔޫޝް ސަހްދޭވް ހައްޔަރު ކޮށްފި އެވެ.
ޕިޔޫޝް ހައްޔަރުކޮށްފައި ވަމީ 23 އަހަރުގެ މޮޑެލް އަކާ ގަދަކަމުން ޖިންސީ ގުޅުން ހިންގި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލަ އަކާ ގުޅިގެން މި މަހުގެ 22 ވަނަ ދުވަހު އެވެ.
ފުލުހުން މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު، ޕިޔޫޝް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
ރިޕޯޓުތައް ބުނާ ގޮތުން ޕިޔޫޝް އާއި އަންހެން މީހާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދުވަސްތަކެއް ވެއްޖެ އެވެ. އަދި ދެމީހުން އެކުގައި ވަރަށް ފަހުން ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް ވެސްވެ އެވެ. ނަމަވެސް ދަތުރު ނިމުމަށް ފަހު ޕިޔޫޝް ވަނީ އެ ގުޅުން ނިންމާލައިފަ އެވެ.
ނަމަވެސް އަންހެން މީހާ އެގޮތް ގަބޫލު ނުކުރުމުން، ޕިޔޫޝް އެ އަންހެން މީހާގެ ބަރަހަނާ ފޮޓޯތަކެއް ލީކު ކޮށްލާފައިވާ ކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެ އެވެ.
ޕިޔޫޝް އަކީ ގިނަ ޑްރާމާތަކަކުން ފެނިގެން ގޮސްފައިވާ މަގުބޫލު މޫނެކެވެ. އެގޮތުން 'ދޭވޯން ކޭ ދޭވް މަހާދޭވް'، 'ސަޕްނޭ ސުހާނޭ ލަޑަކްޕަން ކޭ'، 'ގީތު' އަދި 'ހަރް ގަރް ކުޗް ކެހެތާ ހޭ' ފަދަ ޑްރާމާތައް ފާހަގަކޮށްލެވެ އެވެ.