26 Nov 2017, 23:35
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަޅުއްވަމުން ގެންދަވާ ކޮންމެ ފިޔަވަޅަކީ ޒުވާނުންނަށް އުޖާލާ ކުރި މަގެއް ހޯއްދަވައި ދެއްވުމަށް އަޅުއްވާ ފިޔަވަޅެއް ކަމަށް ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ޒުވާނުން ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިރުތިޝާމް ވިދާޅުވީ ޒުވާނުންގެ އުންމީދުތައް ހާސިލްކޮށްދިނުމަށް ރައީސް ޔާމީން ވަނީ ގައުމީ ގޮތުން ގިނަ ކަންތައްތަކެއް ފައްޓަވައި ދެއްވާފައި ކަމަށާއި އެކަންތައްތައް ޒުވާނުން ހެޔޮހިތުން ބަލައިގަންނަ ކަން ފެނިގެންދާ ކަމަށެވެ.
"އެމަނިކުފާނު އަޅުއްވަމުންގެންދަވާ ކޮންމެ ފިޔަވަޅަކީ ޒުވާނުންނަށް އުޖާލާ ކުރި މަގެއް ހޯދަވައި ދެއްވުމަށް އަޅުއްވަމުން ގެންދަވާ ހަރުދަނާ މުހިންމު ފިޔަވަޅުތަކެއް،" ރައީސް ޝަރަފުވެރުކޮށްދެއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިރުތިޝާމް ވިދާޅުވިއެވެ.
ފާއިތުވެގެން ދިޔަ ހަތަރު އަހަރަކީ އެކި ދާއިރާތަކުން ޒުވާނުންނަށް ކާމިޔާބީ ހާސިލް ކުރެވުނު ހަތަރު އަހަރު ކަމަށް އިރުތީޝާމް ވިދާޅުވިއެވެ. އަދި އެކަމުގައި އެންމެ އިސްކޮށް މޭސްތިރިއެއްގެ ގޮތުގައި ހުންނެވީ ރައީސް އަބްދުﷲ ޔާމީން ކަމަށް ވެސް އިރުތުޝާމް ވިދާޅުވިއެވެ.
"މި އިގްތިސާދީ އިންގިލާބްގެ ފައިދާ އެންމެ ބޮޑަށް އެނގޭނީ ވެސް އަދި އެންމެ ބޮޑަށް ފައިދާ ކުރާނީ ވެސް ދިވެހި ރާއްޖޭގައި މިއަދު ތިބި އަދި ރާއްޖޭގައި ކުރިއަށް އޮތް ތާންގައި މުސްތަގްބަލުގައި ތިބޭ ޒުވާނުންނަށް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިރުތިޝާމް ވިދާޅުވީ ގައުމެއް ތަރައްގީވެ އެންމެ އުހަށް ވާސިލްވުމަށް ޒުވާނުންގެ ބައިވެރިވުމާއި ހިއްސާއާ ނުލައި ކުރިއަށް ދިއުމަކީ ވަރަށް ވެސް ދަތިކަމެއް ކަމަށެވެ. އެހެންކަމުން މިއަދުގެ ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރެވިފައިވަނީ ޒުވާނުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ކަމަށް ވެސް އިރުތިޝާމް ވިދާޅުވިއެވެ. އަދި މިއަހަރުގެ ޒުވާނުންގެ ދުވަހުގެ ޝިއާރަކީ 'ޒުވާނުންގެ ހިއްސާ ގައުމުގެ ކުރިމަގު' ކަން ވެސް މިނިސްޓަރު ވަނީ ޒުވާނުންނަށް ހަނދާންކޮށްދީފައެވެ.
"ރައީސް ޔާމީންގެ ސަރުކާރުން ދިވެހި ޒުވާނުންނަށް އުންމީދު ގެނެސްދެއްވީ އެއް ދާއިރާކުން ދެ ދާއިރާއަކުން ވެސް ނޫން. ވަރަށް ގިނަ ދާއިރާތަކަކުން ކުރިމަގުގައި އަލިތަކެއް ގެނެސްދެއްވާފައި ވަނީ. އަދި ފުރުސަތުތަކެއް ވެސް،" މިނިސްޓަރު ވިދާޅުވިއެވެ.