07 Aug 2011, 00:29
ވެޓެރަންސް ކަޕްގައި މިއަދު ހަވީރު ކުލަބް އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗް ވިކްޓަރީން ކާމިޔާބުކޮށް ގްރޫޕްގެ ތިން ވަނަ މަޤާމް ދިފާއު ކޮށްފިއެވެ.
ގްރޫޕް ބީ ފަޅިން ވާދަކުރާ މި ދެޓީމް މިއަދު ކުޅުނު މެޗްގެ ފުރަތަމަ ލަނޑު ޖަހާ ލީޑް ނެގީ ވިކްޓަރީން ނެވެ. އެގޮތުން މެޗްގެ ނުވަ ވަނަ މިނެޓުގައި ވިކްޓަރީގެ ފުރަތަމަ ގޯލް އަހުމަދު އަފްއާލް ކާމިޔާބު ކޮށްދިން އިރު، ދެ ވަނަ ގޯލް މެޗްގެ 37 ވަނަ މިނެޓުގައި ވިކްޓަރީއަށް ކާމިޔާބު ކޮށްދިނީ މުޙައްމަދު ޝާޒްލީއެވެ.
މެޗްގައި އީގަލްސް އިން ޖެހި އެޓީމްގެ ހަމަ އެކަނި ލަނޑު ފެނިގެން ދިޔައީ މެޗްގެ 37 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އަހުމަދު ނިމާލެވެ.
ވިކްޓަރީން މިއަދުގެ މެޗް ކާމިޔާބުކޮށް، ތިން ޕޮއިންޓައެކު ގްރޫޕްގެ ތިން ވަނަ ލިބުނު އިރު، ގްރޫޕްގެ އެއް ވަނާގައި އޮތް އީގަލްސްއަށް ލިބިފައި ވަނީ ވެސް ތިން ޕޮއިންޓެވެ. އެހެން ނަމަވެސް މި ދެޓީމްގެ ދެމެދުގައި ތިން ގޯލްގެ ތަފާތާއެކު އީގަލްސް ކުރީގައި އޮތް އިރު ވިކްޓަރީއަށް ފައިދާ ގޯލެއް ނެތެވެ. އަދި ތިން ޕޮއިންޓާއެކު ގްރޫޕްގެ ދެ ވަނާގައި އޮތް ނިއުރޭޑިއަންޓު އޮތީ ފައިދާ އެއް ގޯލާއެކު އެވެ. އެއްވެސް ޕޮއިންޓެއް ނެތި ގްރޫޕްގެ އެންމެ ފުލުގައި އޮތް ޓީމަކީ ޕޮލިސް ކުލަބެވެ.
މި މަހުގެ 29 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މުބާރާތުގައި ކޮންމެ ގްރޫޕަކުން ގަދަ ދެ ޓީމުގެ އިތުރުން ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ޓީމާއެކު ޖުމްލަ ފަސް ޓީމު ދެ ވަނަ ބުރަށް ދާނެ އެވެ. އަދި ދެ ވަނަ ބުރުގައި ލީގު އުސޫލުން ފަސް ޓީމު ކުޅެ ސެމީ ފައިނަލަށް ދާނީ ގަދަ ހަތަރު ޓީމެވެ.
މި މުބާރާތުގައި މާދަމާ ހަވީރު ކުޅުމަށް ހަމަޖެހިފައިވާ މެޗްގައި ބައްދަލުކުރާ ދެ ޓީމަކީ ގްރޫޕް އޭ ފަޅިން ވާދަކުރާ މާޒިޔާ ސްޕޯޓްސް ކުލަބާއި އޭވައިއެލް އެވެ. މެޗަށް ނިކުންނައިރު އެއްވެސް ޕޮއިންޓެއް ނެތި ގްރޫޕްގެ އެންމެ ފުލުގައި އޭވައެލް އޮތް އިރު، މާޒިޔާ އޮތީ އެއް ޕޮއިންޓައެކު ގްރޫޕްގެ ތިން ވަނާގައެވެ. މިގްރޫޕްގެ އެއްވަނާގައި ހަތަރު ޕޮއިންޓައެކު އޮތީ ވީބީއެވެ. އަދި ދެ ވަނާގައި ދެ ޕޮއިންޓައެކު އޮތީ ވެލެންސިޔާ އެވެ.
މާދަމާގެ މެޗް ފެށުމަށް ހަމަޖެހިފައި ވަނީ 16:40 ގައި ޓާފް އެންނަންބަރު ދަނޑުގައެވެ.