ރާއްޖޭގެ ޓޫރިޒަމުގެ ސިނާޢަތުގައި ޖަޕާނުގެ ޓޫރިސްޓުންގެ ހިއްސާ އިތުރުކުރުމާ އެކު ޖަޕާނުގެ ވިޔަފާރި އާއި އިންވެސްޓްމެންޓްތައް ރާއްޖޭގައި އިތުރުކުރުމާ މެދު ދެ ގައުމުގެ އިސްވެރިންގެ މެދުގައި މަޝްވަރާ ކުރައްވައިފި އެވެ.

ޖަޕާނުގެ ޕާލިމެންޓަރީ ވައިސް މިނިސްޓަ ފޯ ފޮރިން އެފެއާޒް އައިވާއޯ ހޯރީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމްގެ އަރިހަށް މިއަދު ކުރެއްވި ޒިޔާރަތެއްގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވީ ރާއްޖޭގައި ޖަޕާނުގެ އިންވެސްޓްމަންޓްތައް ފުޅާ ކުރުމާ ބެހޭ ގޮތުންނެވެ.

މިއަދު ރައީސް އޮފީހުގައި އޮތް ބައްދަލުވުމުގައި ރާއްޖެ ހާސިލުކުރަމުންދާ އިޖްތިމާއީ އަދި އިގްތިޞާދީ ކުރިއެރުމާއި ތަރައްގީ އަށް ޖަޕާނުން ދެއްވާ އަހައްމިއްޔަތުކަމަށާއި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށް ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުންޏެވެ.

މީގެ އިތުރުން ދެ ގައުމުގެ ދެމެދުގައިވާ ސިޔާސީ ގުޅުމަށް 50 އަހަރު ފުރުމާގުޅިގެން، ޖަޕާނުގެ ސަރުކާރަށާއި އެ ގައުމުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވި އެވެ.

ދުނިޔެއިން ޓެރަރިޜަމް ނައްތާލުމަށް މަސައްކަތްކުރުމަށާއި މަސްވެރިކަން ތަރައްގީ ކުރުމުގެ ދާއިރާއިންނާއި ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާއިން ޚާއްޞަކޮށް ތިމާވެއްޓަށް އަންނަ ބަދަލުތަކަށް އަހުލުވެރިކުރުމުގެ ދާއިރާއިން ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ދެ ބޭފުޅުން އިތުރަށް މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި އުމްރާނީ ތަރައްގީ ހާސިލްކުރެވޭނެ ދާއިރާތަކުގެ މައްޗަށް ވެސް ދެ ބޭފުޅުން ވާހަކަ ދެއްކެވި އެވެ.