26 Nov 2017, 22:00
ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ ސިޔާމް މައުރޫފް ސޮކާ ކަޕްގައި ޅޮހީ ބަލިކޮށް މުބާރާތް ބާއްވާ ރަށް، މާޅެންދޫ އިން ކުއާޓާ ފައިނަލުގެ އުންމީދު އާ ކޮށްފި އެވެ.
ނ. މާޅެންދޫ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް ތިނެއްގެ މެޗު މާޅެންދޫ އިން ކާމިޔާބު ކުރީ 0-1 ގެ ނަތީޖާ އަކުންނެވެ.
ދެ ޓީމަށް ވެސް ލަނޑު ޖަހާނެ މާ ރަނގަޅު ފުރުސަތެއް މެޗުގައި ލިބިގެން ގޮސްފައެއް ނުވެ އެވެ. މެޗުގެ ހަމަ އެކަނި ލަނޑު ފެނިގެން ގޮސްފައި ވަނީ މެޗު ނިމެން ނުވަ މިނެޓަށް ވެފައި ވަނިކޮށެވެ. މި ލަނޑު މާޅެންދޫ އަށް ކާމިޔާބު ކޮށްދިނީ މޫސާ ހަސަން އެވެ.
މުބާރާތުގައި މާދަމާ ކުޅޭ ގްރޫޕް އެކެއްގެ މެޗުގައި ބައްދަލު ކުރާނީ ލަންދޫ އާއި މިލަދޫ އެވެ.
ސިޔާމް މައުރޫފް ސޮކާ ކަޕަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 500،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 100،000 ރުފިޔާ، ފެއަ ޕްލޭ ޓީމަށް 25،000 ރުފިޔާ އަދި ބެސްޓް ސަޕޯޓިން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެ އެވެ.
ގްރޫޕް އެކެއް:
ލަންދޫ، ކެނދިކުޅުދޫ، މާފަރު، މިލަދޫ.- ގްރޫޕް ދޭއް:މަގޫދޫ، މަނަދޫ، ހެނބަދޫ، ކުޑަފަރީ.
- ގްރޫޕް ތިނެއް:ވެލިދޫ، ޅޮހި، ހޮޅުދޫ، މާޅެންދޫ.
ސިޔާމް މައުރޫފް ކަޕަކީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފްގެ އިސްނެންގެވުމާ އެކު ނ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ.