26 Nov 2017, 19:27
މާލޭ ހުކުރު މިސްކިތް ހުރި ބިމުގައި ކިޔަވަން ތިބެވޭ ގޮތަށް ޖާގަތަކެއް ހަދައި، ކެފޭއެއް ހިންގާނެ ބަޔަކު ހޯދަން އިއުލާން ކޮށްފި އެވެ.
ހުކުރު މިސްކިތް ހިމެނޭ ސަރަހައްދު ތަރައްގީ ކުރުމަށް ހައުސިން މިނިސްޓްރީން މިމަހުގެ ކުރީ ކޮޅު ވެސް އިއުލާން ކުރި އެވެ.
ނަމަވެސް އެ މަސައްކަތް ކުރުމަށް އަލުން އިއުލާން ކޮށްފައި މި ވަނީ، ކުރިން ކުރި އިއުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.
ހައުސިން މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ކުރިއާ އިއުލާނުގައިބުނީ، ހުކުރު މިސްކިތް ހުރި ބިމުން އެ މިނިސްޓްރީން ކަނޑައަޅާ ސަރަހައްދެއް ލޭންޑުސްކޭޕްކޮށް، ސްޓަޑީ ކިއޮސްކުތަކެއް ބަހައްޓައި ތަރައްގީ ކުރަން ބޭނުންވާ ކަމަށެވެ.
އެގޮތުން އެ ސަރަހައްދު ތަރައްގީ ކުރުމަށް ކުރާ މަސައްކަތުގެ ދަށުން އެތަނުގައި ހައުސިން މިނިސްޓްރީން ދޭ ކޮންސެޕްޓަކާ އެއްގޮތަށް ހަ ސްޓަޑީ ކިއޮސްކާއި ކެފެޓީރިއާ ސަރަހައްދެއް ތަރައްގީ ކުރާނެ ބަޔަކު ބޭނުންވާ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.
ކެފޭ ސަރަހައްދު ތަރައްގީ ކުރަން ނިންމާފައި ވަނީ ގުރައުންޑު ފުލޯ އޯޕެންކޮށް، މައިދާނުގެ ބައެއްގެ ގޮތުގައި އޮންނާނޭ ގޮތަކަށެވެ.
އަދި ލޭންޑް ސްކޭޕިންގެ މަސައްކަތް ކުރިއަށް ގެންދާއިރު އެ ސަރަހައްދުގައި ހިމެނޭ ތާރީހީ އަދި އާސާރީ އެއްވެސް ބިނާ އަކަށް ގެއްލުމެއް ނުލިބޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.
ހުކުރު މިސްކިތް ހިމެނޭ ސަރަހައްދުގައި މިހާރު ވެސް ކުޑަ ޕާކެއްގެ ގޮތަށް ތަންކޮޅެއް އޮތް ނަމަވެސް، އެ ބިމުގައި ކެފޭ އެއް ހިންގަން ހަމަޖެހިފައި ވަނީ ކޮން ސަރަހައްދެއް ކަމަށް ބުނެފައެއް ނުވެ އެވެ.
އެ މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވާ ގޮތުން، ތަރައްގީ ކުރާ ސަރަހައްދު ހިންގަން ދެވޭނީ 20 އަހަރުގެ މުއްދަތަކަށެވެ.
އަދި އެ ސަރަހައްދު ލޭންޑު ސްކޭޕް ކުރުމަށްފަހު ސަރުކާރަށް ދައްކަން ޖެހޭ ކުލީގެ ޕްރޮޕޯސަލެއް ހުށަހަޅަން ޖެހޭއިރު، ޕްރޮޕޯސަލް ހޮވުމުގައި ސަރުކާރަށް އެންމެ ބޮޑު ކުއްޔެއް ދައްކަން ހުށަހަޅާ ފަރާތަކަށް އިސްކަން ދެވޭނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.
އެ މަސައްކަތުގެ ޕްރީ ބިޑް ބާއްވަން ހަމަޖެހިފައި ވަނީ، އަންނަ ބުދަ ދުވަހުގެ 12:00ގައި ހައުސިން މިނިސްޓްރީގަ އެވެ. އަދި އަންނަ ހަފްތާ ބުދަ ދުވަހާ ހަމައަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ދޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.