ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ވިމެންސް ފުޓްބޯލް ޑިވެލޮޕްމަންޓްގެ ހެޑަކަށް މަރިޔަމް މުހައްމަދު (މާޔަން) ހަމަޖައްސައިފި އެވެ.

ރާއްޖޭގެ އަންހެން ފުޓްބޯޅަ ތަރައްގީ ކުރުމުގެ މަސައްކަތުގެ ދަށުން ނިއުގެ އަންހެން ފުޓްބޯޅައިގެ ހެޑަކަށް މާޔަން ހަމަޖެއްސުމަށްޓަކައި އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ. ނިއުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކްލަބުގެ ޖެނެރަލް ސެކްރެޓަރީ އަހްމަދު ނިޔާޒް (ޓެޑް) އެވެ.

މާޔަން އަކީ އަންހެން ފުޓްބޯޅަ ތަރައްގީ ކުރުމަށް އެފްއޭއެމްގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރި ފަރާތެކެވެ. އޭގެ އިތުރުން އޭނާ ވަނީ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފަ އެވެ.

ނިއުގެ ޗެއާމަން ކަމުގެ މަގާމަށް ކާނަލް ރިޓަޔާޑް މުހައްމަދު ޒިޔާދު އިންތިހާބުވެ ވަޑައިގަތުމަށް ފަހު، މިސީޒަނުން ފެށިގެން ނިއުގެ ސީނިއާ ޓީމާ އެކު އެ ކްލަބުގެ ޔޫތު އެކަޑަމީ ވެސް ވަނީ ވަރުގަދަކޮށްފަ އެވެ. ސީނިއާ ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި އޮސްކާ ބްރުޒޮން މަސައްކަތް ކުރާ އިރު، ޔޫތު އެކަޑަމީގެ މަސައްކަތްތައް ކުރިއަށްދަނީ ޔޯކިމް ވަލިންހޯގެ ބެލުމުގެ ދަށުންނެވެ.

ނިއު އިން އަންހެން ފުޓްބޯޅަ ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައި މިވަނީ ރާއްޖޭގެ އަންހެން ފުޓްބޯޅައިގެ ހާލަތު ދަށް ވެފައިވާ ދަނޑިވަޅެއްގަ އެވެ. އެފްއޭއެމުން އަންހެނުންގެ ފުޓްބޯޅަ މުބާރާތް ބޭއްވުމަށް އިއުލާން ކުރި ނަމަވެސް މުއްދަތު ހަމަވިއިރު އެ މުބާރާތުގައި ބައިވެރިވެފައި ވަނީ ހަމައެކަނި ނިއު އެވެ. އެހެންކަމުން އަންނަ މަހު ބޭއްވުމަށް ހަމަޖެހުނު އަންހެން ފުޓްބޯޅަ މުބާރާތް ވަނީ ކެންސަލްކޮށްފަ އެވެ.