26 Nov 2017, 18:40
މެލޭޝިއާގައި ބާއްވާ އޭޝިއަން ބިޒްނަސް ލީޑާސް ކޮންފަރެންސްގެ ސްޕީކަރެއްގެ ގޮތުގައި އެ ކޮންފަރެންސްގެ ރިޔާސަތު ބެލެހެއްޓުމުގެ ފުރުސަތު (ޕީއެސްއެމް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝާޔަން ޝާހިދަށް ލިބިއްޖެ އެވެ.
އަންނަ ބުދަ ދުވަހު މެލޭޝިއާގެ ކުއަލަލަމްޕޫރުގައި ފަށާ އެ ކޮންފަރެންސްގެ ރިޔާސަތު ބަލަހައްޓަން ޝާޔަންއަށް ފުރުސަތު ލިބުނުއިރު، އޭނާ އެ ކޮންފަރެންސްގައި ތަގުރީރު ވެސް ކުރައްވާނެ އެވެ.
އޭޝިއަން ބިޒްނަސް ލީޑާސް ކޮންފަރެންސް ރިޔާސަތު ބެލެހެއްޓުމަށް މިއަހަރު އެހެން ގައުމުތަކުގެ ވިޔަފާރިތަކުގެ އިސް ފަރާތްތަކަށް ވެސް ވަނީ ފުރުސަތު ލިބިފައެވެ. ޝާޔަންގެ އިތުރުން، ރިޔާސަތު ބަލަހައްޓާ ސްޕީކަރުންގެ ގޮތުގައި ހަމަޖެހިފައި ވަނީ އިންޑިއާ، ބަންގްލަދޭޝް، ސްރީލަންކާ، އަދި އެކުވެރި އަރަބި އިމާރާތުގެ މިނިސްޓަރުންނާއި ކުންފުނިތަކުގެ އިސްވެރިންނެވެ. ސްޕީކަރުންގެ ތެރޭގައި ހިމެނޭ ހަމައެކަނި ދިވެއްސަކީ ޝާޔަންއެވެ.
ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ އެ ކޮންފަރެންސްގެ ޝަރަފުވެރި މެހެމާނަކީ މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރަޒާ އެވެ.
އޭޝިއަން ބިޒްނަސް ލީޑާސް ކޮންފަރެންސަކީ، އޭޝިއާގެ އިގްތިސާދު ކުރިއެރުވުމަށް މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމަށް ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ކޮންފަރެންސްއެކެވެ.