ރިޔާސީ އިންތިޚާބެއް ކާމިޔާބު ކުރެވޭނީ އެއް ވިސްނުމެއްގައި މަސައްކަތް ކުރާ ބަޔަކަށް ކަމަށާއި އެންމެނަށް އެއްބަސްވެވޭނެ ކެންޑިޑޭޓެއް އިދިކޮޅު ފަރާތްތަކަށް ނުދެއްކޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

"ހެއްޔޯސާ" ގެ ނަމުގައި ގދ. ތިނަދޫގައި ރޭ ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނާޒިމް ވިދާޅުވީ އެއްވިސްނުމެއްގައި މަސައްކަތް ކުރާ ފިކުރެއް އިދިކޮޅު ފަރާތްތަކުގެ ކިބައިން ނުފެންނަ ކަމަށެވެ.

"ރިޔާސީ އިންތިޚާބެއް ކާމިޔާބު ކުރުމަށް ބޭނުންވަނީ އެއް ވިސްނުމެއްގައި، އެއްފިކުރެއްގައި، އެއް އަސާސެއްގައި ހިފަހައްޓާނެ ކެންޑިޑޭޓެއް. އެ ކެންޑިޑޭޓެއް އިދިކޮޅު ފަރާތްތަކުން ފެންނާކަށް ނެތް،" ނާޒިމް ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ ކޮންމެ ގައުމަކަށް ވެސް މަލްޓި ޕާޓީ ޑިމޮކްރެސީ ތައާރަފްވެގެންދިޔަ ދުވަސްވަރު ވަނީ ތަފާތު އެކި ކަންތައްތަކާ ކުރިމަތިލާންޖެހިފައި ކަމަށާއި ރާއްޖެއިން ވެސް އެ މަންޒަރު ފެނިފައިވާ ކަމަށެވެ. އަދި އެ ހާލަތުގައި ވިއްސިވިހާލި ނުވެ ސަލާމަތްވުމުގެ ފުރުސަތު ދިވެހީންނަށް ލިބުނީ މާތްވެގެންވާ އިސްލާމްދީނުގެ މަތީގައި ފައިތިލަ ސާބިތުކޮށްގެން ތިބީތީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މަލްޓި ޕާޓީ ޑިކޮމްރެސީގަ މިދެންނެވި 10 އަހަރު ދުވަހު އަޅުގަނޑުމެންނަށް ވަރަށް ބޮޑު އިބުރަތްތެރި ފިލާވަޅެއް ދަސްކޮށްދީފި. މަލްޓި ޕާޓީ ޑިމޮކްރެސީ އަކީ އޭގެ ޒާތުގައި ވަރަށް އިބުރަތްތެރި ކަމެއް. ދަންނަވަންތޯ އެހެންނަމަވެސް އަޅުގަނޑުމެންނަށް ދިމާވި ހިތާމަވެރި ކަމަކީ ޑިމޮކްރެސީގެ ނަމުގައި މިގައުމުގައި ވެރިކަން ކުރަން ނުކުތް ބަޔަކު މި ގައުމުގެ ބައެއް އަސާސްތައް ފުނޑާލަން އުޅުން،" ނާޒިމް ވިދާޅުވިއެވެ.

ރާއްޖޭގައި ކުރިން ވެރިކަންކުރި އެމްޑީޕީގެ ލީޑާޝިޕް މިހާރު އުޅެނީ ރާއްޖެއިން ބޭރުގައި ކަމަށާއި އެއީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް ޚިދުމަތް ކުރަން ބޭނުންވަންޏާ އަދި ރައްޔިތުންނަށް ހެވާ ލާބަޔަށް އެދޭނަމަ ރާއްޖޭގައި ތިބެގެން ރައްޔިތުން އެދޭގޮތަކަށް ކަންކަން ކުރުމުގެ ވިސްނުމާއި ފިކުރު ގެންގުޅެން އެބަޖެހޭ ކަމަށެވެ. އެހެން ނޫންނަމަ ރައްޔިތުން އެގޮތް ބަލައެއް ނުގަންނާނެ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.