އިންސާނާގެ ކިބައިގައި އަޚްލާޤީ ވަރަށް ގިނަސިފަތަކެއް ލައްވާފައި ވެއެވެ. އެސިފަތަކުން ޒީނަތްތެރިވެއްޖެނަމަ، ދުނިޔެއާއި އާޚިރަތުގައިވާ އެންމެ ބާއްޖަވެރިއަކީ އިންސާނާއެވެ. އިންސާނާގެ ނަފުސް ޒީނަތްރި ކުރެވޭނީ އިސްލާމްދީނުގައި އެ ސިފަތައް ލިބިގަނެ، ހަމައެފަދައިން އެސިފަތަކުން ދުރުހެލިވުމަށް އަންގަވާފައިވާ ސިފަތަކުން ޢަމަލާއި ބަހުން ދުރުހެލިވެވިގެންނެވެ.

މިގޮތުން ލަދުވެތިކަމަކީ އިންސާނާގެ ކިބައިގައި އޭނާ ހެއްދެވި ޚާލިޤުވަންތަ ﷲ ލައްވާފައިވާ އެންމެ މާތް އެއްސިފައެވެ. ލަދުވެތިކަމުގެ ސިފަ އިންސާނާގެ ކިބައިގައި ނެތްނަމަ އޭނާ ކޮންމެ ފަދަ ކަމެއް ކުރުމަކަށް ވެސް ފަސްނުޖެހޭނެއެވެ. އެކަމުގެ އަސަރުތައް އަޅުގަނޑުމެންގެ މުޖުތަމަޢުން ދަނީ ފެންނަމުންނެވެ. މުޖުތަމަޢުގެ އަފްރާދުންދަނީ ދުވަހަކަށްވުރެ ދުވަހެއް މިދެންނެވި ލަދުވެތިކަމުގެ ފޭރާން ކޮށިކުރަމުންނެވެ. އަޚްލާޤީ އިންތައް ފަހަނަޅާއި ގޮސް މުޖުތަމަޢުމިވަނީ އަޚްލާޤީ ބަލިމަޑުކަމެއްގެ ޝިކާރައަކަށް ވެފައެވެ. ކީރިތި ރަސޫލާގެ އަރިހުން ވާރިދުވެފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. "ތިބާ ލަދުވެތި ނުވާނަމަ، ކޮންމެ ފަދަ ކަމެއްވެސް ކުރާށެވެ." މިޙަދީޘް ކުރެއްވި ބަސްފުޅުވަނީ މުޖުތަމަޢުން ދަނީ ވަރަށް ފައުޅުކަން ބޮޑުގޮތެއްގައި ހާމަވަމުންނެވެ. ބައްޕައިންނާއި ދޮންބައްޕައިންނާއި ބޭބެއިންނާއި ބޮޑުބޭބެއިން ތިމާމެންގެ ދަރިންނާއި ދޮންދަރިންނާއި، ބޮޑުބޭބެ ކިޔާ ކުދިންނާ ޖިންސީ ގޮތުންނާއި އެނޫން އެފަދަ ގޯނާ ކުރަމުންދާ މަންޒަރެވެ. ހިތުގައި އެއްވެސް ކަހަލަ ބިރުވެރި ކަމުގެ ކަންފުޅެއްނެތި ހަށިވިއްކާ ތަންތަނަށް ދާ މަންޒަރެވެ.

ނަމަވެސް އިސްލާމްދީނުގެ މާތް ނަބިއްޔާ ބަޔާންކޮށްދެއްވާފައިވަނީ، ލަދުވެތިކަމުގައި މުޅިންވެސް އެކުލެވިފައިވަނީ ހެޔޮކަންތަކެވެ. އަދިވެސް އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ. "މާތް ﷲ އީ ލަދުވެތިވަންތަ އަދި ރައްކާތެރިވަންތަ، އަދި ލަދުވެތިކަމަށް ލޯބި ކުރައްވާ ރަސްކަލާނގެއެވެ."

އިސްލާމްދީނުގެ ޚުލްޤަކީ ލަދުވެތިކަމެވެ. އިބުނު ޢުމަރުގެ އަރިހުން ރިވާވެގެންވެއެވެ. އެއްދުވަހަކު ކީރިތިރަސޫލާ އަންޞާރިއްޔަ ބޭކަލެއްގެ އަރިހުން ވަޑައިގެންނެވިއިރު، ލަދުވެތިކަމާއި ބެހޭގޮތުން އެކަލޭގެފާނު އެހެން މީހަކަށް ނަޞީހަތް ދެއްވަނީއެވެ. އެއަޑުއިވިވަޑައިގަތުމުން ކީރިތިރަސޫލާ ޙަދީޘް ކުރެއްވިއެވެ. "އޭނާ ދޫކޮށްލައްވާށެވެ. ހަމަކަށަވަރުން ލަދުވެތިކަމަކީ އީމާންކަމުގެ އެއްބައެވެ."

ކުޑަވެސް ޝައްކެއްނެތެވެ. ލަދުވެތިކަމަކީ އީމާން ކަމުގެ އެއްބައެވެ. ލަދުވެތިކަން މަގު ދައްކަނީ ސުވަރުގެއަށެވެ. ލަދުވެތިކަމެއް ނެތުމަކީ މީހާގެ ހަލާކެވެ. އެފަދަ މީހުންނަށް އޮތް މަޞީރަކީ ދާއިމަށް ދެމިގެންވާ ނަރަކައެވެ.
ބަރަކަތްތެރި ރަމަޟާން މަހު އަޅުގަނޑުމެން ލަދުވެތިކަމުގެ ގަހަނާއިން ޒީނަތްތެރި ވުމަކީ ވަރަށް މުހިންމު ކަމެކެވެ. ރަމަޟާން މަހު ދުވާލު ކެއުމާއި ބުއިމުގެ ރުޙުޞަތު ލިބިފައިވާ މީހުންވެސް އެހެން މީހުންގެ ކުރިމަތީގައި ކެއިން ބުއިމުން ދުރުހެލިވާށެވެ.

މިފުރުޞަތަކީ ހެޔޮކަންތައް އިތުރު ކުރުމަށް ލިބިފައިވާ ފުރުޞަތެކެވެ. ވަގުތު ފާއިތުވެގެން ނުދަނީސް ވެހޭތާ ފެންނަގާށެވެ.