ދިރިއުޅުމަކީ ހުވަފެނެއް ކަހަލަ އެއްޗެކެވެ. ދިރުއުޅުމުގައި ދިމާވާ ކަންތައްތަކުގެ ސަބަބުން ދިރިއުޅުމުގައި އިތުރަށް ކުރިއަށް ދާނެ ހިއްވަރު ނުލިބުމަކީ މިއަދު އާންމު ކަމެކެވެ. ދިރިއުޅުން ތިމާ އަށް ތަފާތު ތަޖުރިބާ ކުރުމަށް މަގުފަހި ކުރުވަ އެވެ. އެކަމުގެ ސަބަބުން ބައެއް ފަހަރު ކާމިޔާބީތައް ލިބެ އެވެ. އަނެއް ބައި ފަހަރު ނާކާމިޔާބީ އެވެ. ގޮންޖެހުންތަކާއި ހުރަސްތަކެވެ. މިކަންތައްތަކުގެ ސަބަބުން މީހާ މުޅިން މާޔޫސްކޮށްލާ އެއްކޮށް ނިކަމެތިކޮށްލާ ފަހަރު ވެސް އާދެ އެވެ. އެ ކަންތައްތަކުން އަރައި ނުގަނެވި އެތަކެއް ނުރައްކާ ބަލިތައް ޖެހެ އެވެ.

ނަމަވެސް މާޔޫސް ނުވެ ހިތްވަރު އެލުވާ ނުލާ ކުރިއަށް ދާށެވެ. އަބަދުވެސް ހަނދާނުގައި ބަހައްޓާށެވެ. އުފާވާ ފަހަރު ވެސް އަންނާނެ އެވެ. އެ ކަހަލަ ކަންތައްތައް މެދުވެރިވެއްޖެ ނަމަ އަބަދު ވެސް އެންމެ ފުރަތަމަ ކަމަކަށް ﷲ އަށް ހަމްދުކުރަން ދަންނަންވާނެ އެވެ. ހިތާމަވެރިކަމެއް ކުރިމަތިވެއްޖެ ނަމަ ކެތްތެރިކަން ދެއްވާތޯ ދުއާ ދަންނަވަން ޖެހެ އެވެ.

އެންމެ ފުރަތަމަ ކަމަކަށް ތިމާ ހެއްދެވި ފަރާތުގެ މަތީން ގިނަގިނައިން ހަނދާންކުރާށެވެ. ފަރުޟު ފަސް ނަމާދަށް ފަރުވާތެރިވާށެވެ. އަދި ކުރިމަތިވެފައިވާ ކަންތައްތަކުން އަރައިގަތުމަށް މާތް ﷲގެ ޙަޟްރަތުން އެހީތެރިކަމަށް އެދި ގިނަގިނައިން ދުއާކުރާށެވެ.

ތިމާގެ ބޭކާރު ފިކުރުތަކުން ދުރުވުމަށް "ޕާސްޓް"ގައި ހިނގާފައިވާ ކަންތަައްތަކާ މެދު އެއްވެސް ވަރަކަށް ނުވިސްނާށެވެ. ބައެއް މީހުންނަށް އެ މީހުން ކުރީގައި އުޅެވިފައި ހުންނަ ގޮތް މާ ރަނގަޅު ނުވެދާނެއެވެ. ނަމަވެސް މީހާ މުޅިން އެއްކޮށް ބަދަލުވުމަށް ފަހު ކުރީގައި ދިމާވި ކަންތައްތަކާ މެދު ނުވިސްނާށެވެ. ބައެއް ކަންތައްތަކަކީ ހަނދާނުން ފޮހެލަން ދަތި ކަންތަކެވެ. ނަމަވެސް އެ ކަންތައްތަކާ މެދު ފިކުރު ކުރުމުން ދިރިއުޅުމުގައި ކުރިއަށް ދެވޭ ހެއްޔެވެ؟ މާޒީގައި ހިނގާފައިވާ ކަންތައްތަކާ މެދު ފިކުރު ކުރުމަކީ މިއަދު ދުނިޔޭގެ ނިސްބަތުން އެތައް ބަޔަކު ކުރާ ކަމެކެވެ. އަބަދުވެސް ވިސްނަންވީ ކުރިއަށެވެ. މާޒީ އަކަށް ނޫނެވެ. އޭރުން ތިމާ އަކީ އުފާވެރި މީހަކަށް ވެގެންދާނެ އެވެ.

އެކަހެރިވެގެން ކަނެއްގައި އަބަދު އިނުމުގެ ބަދަލުގައި މީހުންނާ އެކީ އުޅެވޭތޯ މަސައްކަތް ކުރާށެވެ. އާއިލީ މައްސަލައެއް ނަމަވެސް އެ ނޫންކަމަކާ ބެހޭ ގޮތުން ހިޔާލު ބަދަލު ކުރަން ބޭނުންވާ ނަމަ ވެސް އެކަން ތިމާ އަށް އެންމެ އިތުބާރު ހިފޭ މީހަކަށް ހިއްސާކުރާށެވެ.

ހިތްވަރު އެލުވާ ނުލާ ކުރިއަށް ދިޔުމަކީ މުހިއްމުކަމެކެވެ. އަބަދުވެސް ކަންތައްތައް މެދުވެރި ވަނީ ރަނގަޅަކަށް ކަމަށް ވިސްނާ މީހާ ކޮންފިޑެންޓް ވާށެވެ. އަޑިގަނޑަކަށް ފަހު އުސްގަނޑެއް އަންނާނެޔޭ ބުނާ އަޑު އަހަމެއް ނޫންހެވެ؟ އަބަދު ދިރިއުޅުމުގައި އުސްގަނޑުތައް ނާންނާ އެވެ. ހައްލަކީ ކެތްތެރިކަމާ ހިއްވަރާ އެކީ ކުރިއަށް ދިޔުމެވެ.

މައުލޫމާތު: ހެލްތް ޑައިޖެސްޓް