26 Nov 2017, 13:56
ސްޕެނިޝް ލަލީގާގައި ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑުން މަލާގާ އަތުން ރެއާލް މެޑްރިޑް މޮޅުވެއްޖެ އެވެ.
އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި މަލާގާ އަތުން ރެއާލް މޮޅުވެފައި ވަނީ 3-2 ގެ ނަތީޖާ އަކުންނެވެ.
އެ ނަތީޖާއާ އެކު ލީގު ތާވަލުގެ އެއް ވަނައިގައި އޮތް ވާދަވެރި ބާސާ އާއި ރެއާލްއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ވަނީ ކުޑަވެފަ އެވެ. ނަމަވެސް ރެއާލް ވަނީ ބާސާއަށް ވުރެ، އެއް މެޗު އިތުރަށް ކުޅެފަ އެވެ. ބާސާ އިން މިރޭ ނުކުންނަން ޖެހޭނީ ތާވަލުގެ ދެ ވަނައިގައި އޮތް ވެލެންސިއާއާ ދެކޮޅަށެވެ.
ރޭ ކުޅުނު މެޗުގެ ނުވަ ވަނަ މިނެޓުގައި ރެއާލުން ވަނީ ލީޑު ހޯދައިފަ އެވެ. ރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފްރާންސް ފޯވަޑް ކަރިމް ބެންޒެމާ އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ރޮނާލްޑޯ ފޮނުވާލި ހަމަލާއެއް މަލާގާ ގޯލުގެ ދަނޑީގައި ޖެހިފައި ލިބުނު ބޯޅައަކުންނެވެ.
މެޗުގެ 18 ވަނަ މިނެޓުގައި މަލާގާ އިން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. ކެކޯ ނަގައިދިން ހުރަހަކުން މަލާގާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޑިއޭގޯ ރޮލާން އެވެ. އޭގެ ތިން މިނެޓް ފަހުން ކަސަމީރޯ ވަނީ ރެއާލަށް އަލުން ލީޑު ހޯދައިދީފަ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1 ލަނޑުން ރެއާލް ކުރީގައި އޮވެގެންނެވެ.
މެޗުގެ 58 ވަނަ މިނެޓުގައި މަލާގާ އިން ވަނީ ދެ ވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. ކެކޯ ދިން ބޯޅައަކުން މަލާގާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ގޮންޒާލޯ ކާސްޓްރޯ އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ 25 ޔާޑު ދުރުން ފޮނުވާލި ހަމަލާ އަކުންނެވެ.
މެޗުގެ 74 ވަނަ މިނެޓުގައި މަލާގާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ލޫކާ މޮޑްރިޗަށް ލުއިސް ހެނާންޑޭޒް ކުރި ފައުލަކާ ގުޅިގެން ރެއާލަށް ޕެނަލްޓީއެއް ލިބިގެންދިޔަ އެވެ. މެޗުގެ 76 ވަނަ މިނެޓުގައި ރޮނާލްޑޯ ފޮނުވާލި ޕެނަލްޓީ، މަލާގާގެ ކީޕަރު ރޮބާޓޯ ޖިމެނޭޒް މަތަކުރި ނަމަވެސް، ރީބައުންސް ބޯޅަ އިން ރޮނާލްޑޯ ވަނީ ރެއާލަށް ލީޑު ހޯދައިދީފަ އެވެ.