ބޮލީވުޑްގެ ފިލްމު ޕަދްމާވަތީ އިއުލާނު ކުރި ދުވަހުން ފެށިގެން ފިލްމުގެ ކްރޫ އަދި ތަރިންނަށް އެކި ކަހަލަ އިންޒާރުތައް ދަނީ ލިބެމުންނެވެ. އެންމެ ފަހުން މިހާރު އިންޑިއާގައި ރިލީޒްކުރަން ކަނޑައެޅި ތާރީހުގައި ޕަދްމާވަތީ ރިލީޒް ކުރެވޭގޮތް ވެސް ވަނީ ނުވެފަ އެވެ. ނަމަވެސް އިންޑިއާ އިން ބޭރު ބައެއް ގައުމުތަކުގައި ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހު ފިލްމު ރިލީޒްކުރާނެ އެވެ.

މީގެ ތެރެއިން އެއް ގައުމަކީ އިނގިރޭސި ވިލާތެވެ. ނަމަވެސް ފިލްމުގެ ޕްރޮޑަކްޝަން ހައުސް އިން މިހާރު ވަނީ ޕަދްމާވަތީ އިނގިރޭސިވިލާތުގައި ރިލީޒްކުރުމާ މެދު ދެވަނަ ވިސްނުމަކަށް ގޮސްފަ އެވެ. ސަބަބަކީ ހައްދުފަހަނަ އަޅާފައިވާ ހިންދޫންގެ ފަރާތުން މެދުކެނޑުމެއް ނެތި ލިބެމުންދާ އިންޒާރުތަކެވެ. އިގިރޭސިވިލާތުގެ ސިނަމާތަކުގައި ފިލްމު އަޅުވައިފި ނަމަ އެ ސިނަމާތައް އަންދާލާނެ ކަމުގެ އިންޒާރު އެމީހުން ވަނީ ދީފަ އެވެ.

ޕަދްމާވަތީގެ ލީޑް އެކްޓްރެސް ދީޕިކާ ޕަދްކޯން އަށް މެދުކެނޑުމެއް ނެތި މަރުގެ އިންޒާރުތައް ލިބެމުން އަންނަ އިރު އިންޑިއާގެ އެންމެ ބޮޑު އެއް ސިޔާސީ ޕާޓީ ބީޖޭޕީ ޕާޓީ އިން ވަނީ ދީޕިކާ އާއި ފިލްމުގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ މަރާލި ބަޔަކަށް ބަދަލެއްގެ ގޮތުގައި 1.5 މިލިއަން ޑޮލަރު ދޭނެ ކަމަށް ބުނެފަ އެވެ.

އިނގިރޭސި ވިލާތުގައި ޕަދްމާވަތީ ސްްކްރީނު ކުރުމަށް އެ ގައުމުގެ ސެންސަރު ބޯޑުން ވަނީ ހުއްދަ ދީފަ އެވެ. އިނގިރޭސި ވިލާތުގައި ގާއިމް ކޮށްފައިވާ ހިންދޫ ޖަމްއިއްޔާ އަކުން ވަނީ މި ހުއްދައާ ދެކޮޅަށް އަޑު އުފުލައިފަ އެވެ. އެ ފަރާތުން ބުނީ އިނގިރޭސި ވިލާތުގައި ފިލްމު އާޅުވައިފި ނަމަ މުޒާހަރާ ކުރާނެ ކަމަށެވެ.

ލިބޭ އެއްވެސް އިންޒާރަކަށް ނުސިހޭކަމަށް ބަތަލާ ދީޕިކާ ވަނީ ދާދިފަހުން ބުނެފަ އެވެ.