26 Nov 2017, 13:16
އެސްޓީއޯ އިން ވިއްކަމުން އަންނަ ޕެޓްރޯލާއި ޑީސަލްގެ އަގު މިމަހު ވެސް ބޮޑު ކޮށްފި އެވެ.
މިދިޔަ މަހުގެ ދެވަނަ ދުވަހު ވެސް އެސްޓީއޯ އިން އެ ކުންފުނިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑު ކުރިއިރު މިއަދުން ފެށިގެން ބޮޑު ކުރީ ޕެޓްރޯލް ލީޑަރަކުން 35 ލާރި އަދި ޑީސަލް ލީޓަރަކުން 44 ލާރި އެވެ.
އެސްޓީއޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ކުންފުނިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑު ކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިއުމާ ގުޅިގެން ކަމަށެވެ.
އެ ކުންފުނިން މިދިޔަ މަހުގެ ދެވަނަ ދުވަހު ބޮޑުކުރީ ޕެޓްރޯލް ލިޓަރަކުން 57 ލާރި އަދި ޑީސަލް ލިޓަރަކުން 53 ލާރި އެވެ. އެފަހަރު އަގު ބޮޑު ކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިގެން ދިއުމާ ގުޅިގެންނެވެ.
ތެލުގެ އަގަށް މިއަދު ގެނައި ބަދަލު
އަދި އެސްޓީއޯ އިން މިއަދުން ފެށިގެން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑު ކުރުމުން މިހާރު ޕެޓްރޯލް ލިޓަރެއް ލިބޭނީ 9.87 ރުފިޔާ އަށެވެ. އަދި ޑީސަލް ލިޓަރެއް ލިބޭނީ 9.61 ރުފިޔާ އަށެވެ.
އެސްޓީއޯ އިން ވަނީ މިދިޔަ ޖޫން މަހުގެ 18 ވަނަ ދުވަހު އެ ކުންފުނިން ވިއްކާ ޕެޓްރޯލާއި ޑީސަލުގެ އަގު ހެޔޮ ކޮށްފަ އެވެ.
އެ މަހު ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮ ކުރީ، އެއިން ނަގަމުން އައި ޑިއުޓީ 10 ޕަސެންޓުން ފަސް ޕަސެންޓަށް ކުޑަ ކުރަން އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ރައްޔިތުން މަޖިލީހުން ގެނައި އިސްލާހަކާ ގުޅިގެންނެވެ.