26 Nov 2017, 13:12
ރިޔާދު (26 ނޮވެމްބަރު) :މުސްލިމުންގެ އެންމެ މުގައްދަސް ކައުބަތުﷲ ގެފުޅާއި މަސްޖިދުއް ނަބަވީގައި ސެލްފީއާއި ފޮޓޯ ނެގުން ސައުދީ އަރަބިއްޔާގެ ސަރުކާރުން މަނާ ކޮށްފި އެވެ.
ސައުދީ އަރަބިއްޔާގެ ސަރުކާރުން ބުނި ގޮތުގައި އެ ފިޔަވަޅު އެޅީ ގެފުޅުގައި އަޅުކަންކުރާ މީހުންނަށް ދިމާވާނެ އުނދަގޫތަކުން ދުރުކުރުމަށެވެ.
މީގެ ކުރިން ވެސް ގެފުޅުގައި ތިބޭ ސެކިޔުރިޓީން ވަނީ އެ ސަރަހައްދުގައި ފޮޓޯ ނަގާތީވެ މައްސަލަ ޖައްސައިފަ އެެވެ. މިލިއަނަކަށް ވުރެ ގިނަ މުސްލިމުން ހައްޖުގެ މަތިވެރި އަޅުކަންކުރާ އިރު ގެފުޅުގެ ފޮޓޯ ނަގައި ސޯޝަލް މީޑިއާތަކަށް ލުމަކީ މިހާރު ވަރަށް އާންމު ކަމެކެވެ.
ގެފުޅާއި މަސްޖިދުއް ނަބަވީގައި ފޮޓޯ ނަގައި ހަދާ ނަމަ ފޯނާއި ކެމެރާތައް އަތުލުމަށް ސެކިޔުރިޓީންނަށް އަންގައިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ސެލްފީއަކީ ކުރިއްސުރެ ވެސް ސައުދީގައި ބޮޑު ބަހުސެއް ހިނގާ މައްސަލައެކެެވެ. ސައުދީގެ އިސް ދީނީ އިލްމުވެރިޔެއް ކަމަށްވާ ސާލިހް ބިން ފައުޒާން އަލް ފައުޒާން ވަނީ ގިނަ ބަޔަކު ބުޅަލާ އެކު ސެލްފި ނަގާތީވެ ސައުދީން ހުޅަނގުގެ ގޮތްތައް ކޮޕީ ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.
ސެލްފީ ނަގަންވާނީ ކޮންމެހެން ނަގަން ޖެހޭ ހާލަތްތަކުގައި ކަމަށާއި އެހެންނޫނީ ސެލްފީ ނެގުމަކީ ހަރާމްކަމެއް ކަމަށް ބުނެ ފައުޒާން ވަނީ ފަތުވާ ވެސް ދެއްވައިފަ އެވެ.
At a conference dinner last night Crown Prince Mohammed bin Salman was mobbed for a selfie by Saudi officials and foreign execs alike.pic.twitter.com/Goa6KUrWzH
— Anjli Raval (@AnjliRaval)October 25, 2017
ސެލްފީ ނެގުމާމެދު ސައުދީ އިލްމުވެރިން އެކި ގޮތްގޮތަށް ފަތުވާ ދެއްވައިފައިވާ އިރު ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އަލް ސައުދު ދާދި ފަހުން ވަނީ 500 ސެލްފީ ދެ ގަޑިއިރު ތެރޭ ނަގައިފަ އެވެ.
މައުލޫމާތު: އާރުޓީ