07 Aug 2011, 00:15
ހަތަރު ދުވަހުގެ ތެރޭގައި ފިތުރު ޒަކާތަށް އެދި 1444 މީހުން އެދިފައިވާއިރު ޒަކާތުގެ ގޮތުގައި 144015 ރ. ދައްކާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ފޮނުވާފައިވާ ތަފާސް ހިސާބުތަކުގައި ވާގޮތުން ދިރާގު އެސްއެމްއެސް މެދުވެރިކޮށް ޒަކާތަށް ދައްކާފައި ވަނީ 6850ރ. އެވެ. ވަތަނިއްޔާ އެސްއެމްއެސް މެދުވެރިކޮށް ދައްކާފައި ވަނީ 833ރ. އެވެ. ކޭޝްކާޑް މެދުވެރިކޮށް 1389ރ. ދައްކާފައިވާއިރު އިންޓަނެޓް މެދުވެރިކޮށް 25415ރ. ވަނީ ޒަކާތަށް ދައްކާފަ އެވެ. އިސްލާމިކް މިނިސްޓްރީއާއި ހުޅުމާލެ މެދުވެރިކޮށް 4647 މީހުން 109528ރ. ޒަކާތަށް ދައްކާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އަހުމަދުﷲ ޖަމީލު ވިދާޅުވީ ކުރީ އަހަރާ އަޅާ ބަލާއިރު މިއަހަރު މިހާތަނަށް ފިތުރު ޒަކަތް ދެއްކި މީހުންގެ އަދަދާއި އެ ފަރުޟު އަދާ ކުރުމަށް މީހުން ދޭ ތަރުހީބު ބޮޑުވެފައިވާ ކަމަށެވެ.
މިދިއައަހަރު ހަތް ދުވަހުގެ ތެރޭގައި 6169 މީހުން 143317 ރ. ފިތުރު ޒަކާތަށް ދައްކާފައިވާއިރު މިއަހަރު ހަތަރު ދުވަހުގެ ތެރޭގައި 144015ރ. ވަނީ ޒަކާތަށް ދައްކާފަ އެވެ. ޒަކާތް ދެއްކި މީހުން ވެސް އިތުރެވެ.
މިއަހަރު ފިތުރު ޒަކާތް ބަލައިގަންނާނީ މިމަހުގެ 27 ވަނާ ދުވަހާ ހަމައަށެވެ. ޒަކާތް ދައްކަން ޖެހެނީ އާދައިގެ ހަނޑުލުން ނަމަ 10ރ. އެވެ. ތައިލެންޑް ހަނޑުލުން ނަމަ 32 ރ. އެވެ. އަދި މޮޅު ހަނޑުލުން ނަމަ 53ރ. އެވެ.