26 Nov 2017, 12:29
އިނގިރޭސި ޕްރިމިއާ ލީގުގައި ފަހު ވަގުތު ޗެލްސީން ލިވަޕޫލް ހިފަހައްޓައިފި އެވެ.
ލިވަޕޫލްގެ އެންފީލްޑުގައި ރޭ ޗެލްސީ އާއި ލިވަޕޫލް ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1 ލަނޑުގެ ނަތީޖާ އަކުންނެވެ.
އެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. އެގޮތުން ފުރަތަމަ ހާފުގައި ލިވަޕޫލުގެ ޖޭމްސް މިލްނާ އާއި މުހައްމަދު ސަލާހު އަށް ލަނޑު ޖަހާނެ ފުރުސަތެއް ލިބިގެންދިޔަ އިރު، ޗެލްސީގެ އެޑެން ހަޒާޑާއި ޑެނީ ޑްރިންކްވޯޓާ އަށް ވެސް ފުރުސަތެއް ލިބިގެންދިޔަ އެވެ.
ޗެލްސީން ރަނގަޅަށް ކުޅެމުން ދަނިކޮށް، މެޗުގެ 65 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ލީޑު ހޯދައިފަ އެވެ. ޗެލްސީގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އެލެކްސް އޮކްސްލޭޑް ޗެމްބަލޭން ދިން ބޯޅައަކުން ލިވަޕޫލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ކުރިން ޗެލްސީއަށް ކުޅުނު ސަލާހެވެ.
ލިވަޕޫލުން ލީޑު ހޯދުމާ އެކު ޗެލްސީން އިތުރަށް ކުޅުން ވަރުގަދަކޮށް ލިވަޕޫލުގެ ގޯލަށް ނުރައްކާ ކުރަން ފެށި އެވެ. ޗެލްސީން ނަތީޖާ ހަމަހަމަކުރީ މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށެވެ. ހަޒާޑު ދިން ބޯޅައަކުން ޗެލްސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފުގައި ކުޅެން ނުކުތް އެ ޓީމުގެ ބްރެޒިލް މިޑްފީލްޑަރު ވިލިއަން އެވެ.
ރޭ ކުޅުނު އެހެން މެޗުތަކަށް ބަލައިލާ އިރު، މެންޗެސްޓާ ޔުނައިޓެޑް ވަނީ 1-0 ލަނޑުގެ ނަތީޖާއަކުން ބްރައިޓަން އަތުން މޮޅުވެފަ އެވެ. މެޗުގެ 66 ވަނަ މިނެޓުގައި ފެނިގެންދިޔަ ޔުނައިޓެޑްގެ ލަނޑަކީ ބްރައިޓަންގެ ލެވިސް ޑަންކް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ވެމްބްލީގައި ޓޮޓެންހަމް ހޮޓްސްޕާ އާއި ވެސްޓް ބްރޮމް ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ. މެޗުގެ ހަތަރު ވަނަ މިނެޓުގައި ސަލަމޮން ރޮންޑޮން ލީޑު ހޯދައިދިން ނަމަވެސް، މެޗުގެ 74 ވަނަ މިނެޓުގައި ހެރީ ކޭން ވަނީ ޓޮޓެންހަމްއަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.
ލީގު ޕޮއިންޓް ތާވަލަށް ބަލައިލާ އިރު، ތާވަލުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް 12 މެޗުން ލިބިފައި ވަނީ 34 ޕޮއިންޓެވެ. ދެ ވަނައިގައި އޮތް ޔުނައިޓެޑަށް 13 މެޗުން 29 ޕޮއިންޓް ލިބިފައިވާ އިރު، 26 ޕޮއިންޓާ އެކު ތާވަލުގެ ތިން ވަނައިގައި އޮތީ ޗެލްސީ އެވެ. ޓޮޓެންހަމް ހޮޓްސްޕާ އޮތީ 13 މެޗުން ލިބުނު 24 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ.