26 Nov 2017, 11:48
އެކި މައްސަލަތަކުގައި އދ. މާމިގިލި ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި ބަނގުރާ ނައްތާލައިފި އެވެ.
އެގޮތުން 400 އިންޑިސެންޓެއްގައި ހިމެނޭ އެކި ބްރޭންޑުތަކުގެ 566 ބަނގުރާފުޅި އާއި އެކި ބްރޭންޑުތަކުގެ 358 ބިޔަރު ދަޅު ނައްތާލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ، އެ ތަކެއްޗަކީ މިއަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް މާމިގިލި އެއާޕޯޓުން ފުރަންދާ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ތަކެތި ކަމަށެވެ.
ބަނގުރާ ނައްތާލުން މާމިގިލީގައި ކުރިއަށް ގެންގޮސްފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ އެއްޗެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވާލި ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށް ވެސް ފުލުހުން ބުނެ އެވެ.