26 Nov 2017, 09:47
ސައުދީ އަރަބިއާގެ ދެވަނައަށް އެންމެ މުއްސަނދި މީހާ ކަމަށް ރިކޯޑްކުރެވިފައިވާ މުހައްމަދު ހުސައިން އަލް އަމޫދީ ހައްޔަރުކޮށްފި އެވެ. އޭނާ އަކީ ސައުދީ އަދި އިތިއޯޕިއާގެ ރައްވެހިކަން އޮންނަ މީހެކެވެ.
ކޮރަޕްޝަނުގެ ތުހުމަތުގައި ސައުދީގެ ބިލިއަނަރު އަދި ޝާހީ އާއިލާއަށް ނިސްބަތްވެވަޑައިގަންނަވާ ވަލީދު ބިން ތަލާލު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އެގައުމުގެ އެންމެ މުއްސަނދި ދެ މަހުޖަނުން ހައްޔަރު ކުރުމާ އެކު ސައުދީގެ އިގްތިސާދަށް އޭގެ އަސަރު ކުރާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މުހައްމަދު ހުސައިން އަލް އަމޫދީ، މަޝްހޫރު ނަމުން ނަމަ، "ޝައިހް" އަކީ ސައުދީގެ އިތުރުން އިތިއޯޕިއާގެ އިގްތިސާދުގައި ވެސް ބޮޑު ރޯލެއް އަދާކުރާާ މީހެކެވެ. އެގޮތުން އިތިއޯޕިއާގެ ދަނޑުވެރިކަމާއި އެސްޓްރޮލޮޖީ އަދި ހޮޓެލް އިންޑަސްޓްރީގައި ވެސް ޝައިހްގެ ވިޔަފާރީގެ ހިއްސާ ބޮޑެވެ. އިތިއޯޕިއާގައި ޝައިހް އިންވެސްޓްކޮށްފައި ވަނީ ކިހާ ފައިސާއެއްކަމެއް ބުންނަ ވެސް ނޭނގޭ ކަމަށް ހަބަރުތައް ބުނެ އެވެ. މަދުވެގެން 3.4 ބިލިއަން ޑޮލަރު އިތިއޯޕިއާގެ އިގްތިސާދަށް އޭނާ އިންވެސްޓްކޮށްފައިވާނެ ކަމަށާއި އެއީ އެ ގައުމުގެ ޖީޑީޕީގެ 4.7 ޕަސެންޓް ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.
އިތިއޯޕިއާގެ ޕްރައިވެޓް ސެކްޓާގެ ބޮޑު ޕަސެންޓެއް ޝައިހްގެ ބާރުގެ ދަށުގައިވާއިރު އޭނާ ހައްޔަރުކުރުމުން، ޝައިހްގެ ކުންފުނިތަކުގައި ވަޒީފާ އަދާކުރާ އިތިއޯޕިއާގެ ރައްޔިތުން މިވަގުތު ތިބީ ބޮޑު ހާސްކަމެއްގެ ތެރޭގަ އެވެ.
ނަމަވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޝައިހް ކޮށްފައިވާ އިންވެސްޓްމެންޓް ތަކަށާއި ސައުދީ އިން ބޭރުގައި ހިންގާ ކުންފުނިތަކަށް އޭނާ ހައްޔަރުކުރުމުން އެއްވެސް އަސަރެއް ކުރާނެ ކަމަށް ނުވެލެވޭ ކަމަށް ރިޕޯޓްތައްބުނެ އެވެ.
ޝައިހް ހައްޔަރު ކުރުމާ އެކު އިތިއޯޕިއާ އާއި ސައުދީ އާ ދެމެދު އޮންނަ ގުޅުމަށް އެއްވެސް އަސަރެއް ކޮށްފި ނަމަ އޭގެ ސަބަބުން އިތިއޯޕިއާގެ އިގްތިސާދަށް އޭގެ އަސަރު ކުރާނެ ކަމަށް އިތިއޯޕިއާގެ ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ.
"މިއީ 100 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ގައުމެއް. އެންމެ އިންވެސްޓަރެއްގެ މައްޗަކަށް ނޫން މި އިގްތިސާދު ބިނާ ވަނީއެއް. އެހެންކަމުން އެންމެ އިންވެސްޓަރަކު ނެތް ނަމަވެސް އޭގެ އަސަރު މި އިގްތިސާދަށް ނުކުރާނެ،" އިތިއޯޕިއާގެ އިންވެސްޓްމެންޓް އޮތޯރިޓީގެ އޮފިޝަލަކު ބުނެފައިވެ އެވެ.