އެލޯވެރާ އަކީ މިފަހަކަށް އައިސް ގޭގޭގައި ފަސޭހައިން ހައްދައިގެން ގެންގުޅޭ، އިންޑޯ ޕްލާންޓެއްގެ ގޮތުގައި ވެސް ހައްދައިގެން ގެންގުޅޭ އެއްޗެކެވެ. ގިނަ އަދަދަކަށް ވިޓަމިންސް އާއި މިނަރަލްސް އެކުލެވޭ އެލޯވެރާ ނިސްބަތްވަނީ ލޮނުމެދާއި ފިޔާ ވެސް ނިސްބަތްވާ ލިލިއޭޝީ އާއިލާއަށެވެ.

މިއީ ހަށިގަނޑުގެ ބޭރުން، ހަންގަނޑަށް އެތައް ފައިދާއެއް ލިއްބައިދޭ، އަދި އެތެރެހައްޓަށް ވެސް ގިނަ ފައިދާތަކެއް ކުރުވާ އެއްޗެކެވެ. ދުއިސައްތަ އަށް ވުރެ ގިނަ ވިޓަމިންސް އާއި މިނަރަލްސް، އެނިމޯ އެސިޑްސް ފަދަ މާއްދާތައް އެލޯވެރާގައި އެކުލެވެ އެވެ. އެކި ބޭނުންތަކަށް އެލޯވެރާ ބޭނުންކުރާތާ 5000 އަށް ވުރެ ގިނަ އަހަރުވެފައިވާ އިރު އެލޯވެރާ ފަތުގެ 99 ޕަސެންޓަކީ ފެނެވެ.

އެލޯވެރާ އަކީ ހަޖަމު ކުރުމުގެ ނިޒާމަށް ދިމާވާ މައްސަލަތަކަށް ފަރުވާއެއްގެ ގޮތުން ބޭނުން ކުރެވޭނެ އެއްޗެކެވެ. ބަނޑުތެރޭއުފެދިފައި ހުންނަ ބެކްޓީރިއާތައް ނައްތާލާ، ބޭރަށް ހިންގުމުން ދުރުކޮށްދޭ އެއްޗެއްގެ ގޮތުގައި އެލޯވެރާ ފާހަގަ ކުރެވެ އެވެ.

އެލޯވެރާ އާންމުކޮށް ބޭނުންކޮށް ހަދަނީ މޫނާއި ހަންގަނޑަށް ފަރުވާ ކުރުމަށެވެ. މިޢީ ކޮސްމެޓިކްސް އިންޑަސްޓްރީގައި ވެސް އެންމެ އާންމުކޮށް ބޭނުންކުރާ މާއްދާ އެވެ. ހަންގަނޑުގައި ފިހިފައި ހުންނަ ތަންތަނާއި އެކިކަހަލަ ސޫފި ހެފުމުން ނަގާ ފިތްގަނޑުތަކުގައި އެލޯވެރާ އުނގުޅުމުން ފަސޭހަވެ، އެތަން ހެޔޮވާނެ އެވެ. އެލޯވެރާ ފަތެއް، ގަހުން ވަކިކޮށް، ބުޑު ކުޑަކޮށް ކަނޑާލައި ގަޑިއެއްހާ އިރު އައިސްއަލަމާރީގައި ބޭއްވުމަށް ފަހު މޫނުގައި އިނގުޅާށެވެ. އިރުގެ އަވިން ހަންގަނޑަށް ލިބޭ ގެއްލުމުގެ ފަރުވާއެއްގެ ގޮތުގައި ބޭނުން ކުރާށެވެ.

އެލޯވެރާ ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ ޖޫސް މިހާރަކަށް އައިސް ބާޒާރުނ ލިބެން ހުންނަ އިރު، ހަނދާންކުރަންވީ ކަމަކީ މާބަނޑު މީހުން މި ޖޫސް ބޭނުން ކުރުންއެދެވިގެން ނުވާ ކަމެވެ. އަދި މައްސަރު ކަންތަކުގެ ދުވަސްވަރާއި ލިވާ އަދި ގޯލް ބްލެޑާގެ މައްސަލަ ހުންނަ މީހުން ވެސް އެލޯވެރާ ޖޫސް، އަދި އެތެރެހައްޓަށް އެތެރެވާ ގޮތަށް އެލޯވެރާ ބޭނުން ކުރުން ރަނގަޅެއް ނޫނެވެ.

މިއީ "ބާރުގަދަ" އެއްޗަކަށް ވުމުން ބޭނުން ކުރުމުގައި ވަކި ހައްދެއް އޮންނަންވާނެ ކަން ވެސް ހަނދާން ބަހައްޓަން ޖެހެ އެވެ.

ހެލްތު ޑައިޖެސްޓް