ސްރީލަންކާގެ މަސްވެރިން އަރަބި ކަނޑަށް ނުކުތުމަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޭނުން ކުރުމާ ބެހޭ އެއްވެސް އެއްބަސްވުމެއްގައި ސްރީލަންކާއާއެކު ކޮށްފައި ނޯންނާނެ ކަމަށް ފިޝަރީޒް މިނިސްޓަރް ޑރ. އިބުރާހީމް ދީދީ )ޑރ.ޑީޑީ( މިރޭ ވިދާޅުވެއްޖެ އެވެ.

ލަންކާގެ މަސްވެރިން އަރަބި ކަނޑަށް ނުކުތުމުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހުރަސް ކުރުމާ މެދު ދިވެހި ސަރުކާރާ ލަންކާ ސަރުކާރާ ދެމެދު އެއްބަސްވެފައިވާ ކަމަށް ބުނެ ، ލަންކާގެ ޑެއިލީ މިރާ ނޫހުން ފަތުރާފައިވާ ހަބާރާ ބެހޭ ގޮތުން ޑރ.ޑީޑީ )ފޮޓޯގައި( ވިދާޅުވީ ލަންކާ ސަރުކާރާ ދިވެހި ސަރުކާރާ ދެމެދު އެއްވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވާނެ ކަމަށާއި އެ ނޫހުގައި ލިޔެފައިވާ ހަބަރަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

" އެއީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކައެއް، އެފަދަ އެއްވެސް އެއްބަސް ވުމެއްގައި އަޅުގަނޑުމެން ސޮއިކޮށްފައެއް ނުވާނެ" ޑރ. ޑީޑީ ވިދާޅުވި އެވެ.

ޑީޑީ ވިދާޅުވީ ރާއްޖެ ސޮއިކޮށްފައިވާ ބައިނަލް އަގުވާމީ ކަނޑުދަތުރުފަތުރާ ބެހޭ މުއާހަދާތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޮންމެ ގައުމެއްގެ އުޅަނދަކަށް ވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހުރަސް ކުރެވޭނެ ކަމަށާއި އެކަން ކުރަނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް)އެމްއެންޑީއެފް(ގެ ހުއްދަ ހޯދައިގެން އެމްއެންޑީއެފްގެ ބެލުމުގެ ދަށުން ކަމަށެވެ.

"ވަކި ލަންކާއެއް ނޫން، ކޮންމެ ގައުމެއްގެ އުޅަނދަކަށް ވެސް އަނެއް ގައުމުގެ ކަނޑުގެ ސަރަހައްދު ހުރަސް ކުރެވޭނެ. އެކަމަށް ހޯދަން ޖެހޭ ހުއްދަ ހޯދައިގެން، އެހެން ގައުމެއްގެ އުޅަނދެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހުރަސް ކުރާނަމަ އެކަން ކުރާނީ އެމްއެންޑީއެފްގެ ހުއްދަ ހޯދައިގެން އެފަރާތުގެ ބެލުމުގެ ދަށުން،" ޑރ. ޑީޑީ ވިދާޅުވި އެވެ.

ސްރީލަންކާގެ ޑެއިލީ މިރާ ނޫހުގައި ބުނެފައި ވަނީ އެ ގައުމުގެ މަސްވެރިން އަރަބި ކަނޑަށް ކުރާ ދަތުރުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހުރަސްކުރުމުގެ ހުއްދަ ދިވެހި ސަރުކާރުން ދީފައިވާ ކަމަށާއި އެކަމުގެ އެއްބަސްވުމުގައި ދެ ސަރުކާރުން ސޮއިކުރީ އެ ގައުމުގެ ޑެޕިއުޓީ އެކްސްޓާނަލް މިނިސްޓަރް ނިއޮމަލް ޕެރޭރާ ދާދިފަހުން ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި ކަމަށެވެ. އަދި ރާއްޖޭގެ ސަރަހައްދުގައި އުޅެނިކޮށް ލަންކާގެ އުޅަނދެއް ހާލުގައި ޖެހިއްޖެ ނަމަ ގުޅާނެ ފަރާތެއް ރާއްޖޭން ހަމަޖައްސައިދީފައިވާ ކަމަށް ވެސް އެ ނޫހުގައި ވެއެވެ.

މި ހަބާރާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތޮފާ ވިދާޅުވެފައި ވަނީ އެފަދަ ނިންމުމެއް ނިންމޭނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކުން ކަމަށާއި އެ ނިންމުކަކީ "ވައްކަކުރުމަށް" ނިންމާފައިވާ ނިންމުމެއް ކަމަށްވާތީ އެމަކާ ދެކޮޅަށް މަޖިލީހަށް ގަރާރެއް ވައްދާނެ ކަމަށެވެ. އަދި އެ މައްސަލަ ވަނީ އިދިކޮޅު ޑީއާރްޕީން ވެސް ކުށްވެރިކޮށްފަ އެވެ.