26 Nov 2017, 03:02
ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެ ދާއިރާގެ ގޮނޑި އަނބުރާ ޕީޕީއެމަށް ހޯއްދަވައި ދެއްވާނެ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.
"ހެއްޔޯސާ"ގެ ނަމުގައި ރޭ ގދ. ތިނަދޫގައި ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ނިހާން ވާހަކަފުޅު ދެއްކެވީ ހުވަދޫ ބަހުރުވައިންނެވެ. މިއީ މިހާތަނަށް ސިޔާސީ ޕާޓީއެއްގެ އިސް ބޭފުޅަކު ހުވަދޫ ބަހުރުވައިން، ސްޕީޗެއް އެއްކޮށް، ދެއްވި ފުރަތަމަ ފަހަރެވެ.
ތިނަދޫގެ ދެ ދައިރާގެ ގޮނޑި އަނބުރާ ޕީޕީއެމަށް ހޯއްދަވައި ދެއްވާނެ ކަމަށް ވިދާޅުވެ، ނިހާން ވަނީ އިދިކޮޅު ފަރާތްތަކަށް ހުވަދޫ ބަހުރުވައިން، ބަހުގެ ހަމަލާތައް ރައްދު ކުރައްވާފަ އެވެ.
ހުވަދޫ ބަހުރުވައިން: "އަހަނަ ވަރަން ކުރިޔަން ފައްޓޭގަން އަހަމާ ހުކު މޮޑޮއްޓޭ ވާހަކަ. އަހަންނަން ގެނާހުދިންނޫ. އަހަންނަގަ ރައްޔިތުންނާ ހަމާން އެހެލާނަ [އެމްޑީޕީ ސަރުކާރުން] ގެނާހު ދިންނޫ ހުކު މޮޑޮއްޓަކެ. އެމްޑީޕީ ސަރުކާރަކުން މިރަޓަން އެއްވިޔަސް އެއްތަކަ އޮޑަހަ ހުއްޓީ މޮޑޮއްޓަކަ ނުގެނަތަ.
ތަރުޖަމާ:ކުރިއްސުރެ އަހަރުމެން އަޑު އަހަން ހުސްކޮށް އޮންނަ މޮޅޯށިގަނޑެއްގެ ވާހަކަ. އެއްވެސް އެއްޗެއް ނެތް ހުސް މޮޅޯށިގަނޑެއް ގެނައި ވާހަކަ. މި ރަށުގައި ތިބި އަހަރުމެންގެ ރައްޔިތުންނާ ހަމައަށް އެ މީހުން [އެމްޑީޕީ ސަރުކާރުން] ގެނެސްދިނީ ހުސްމުޅޯށިގަނޑެއް.

"ހެއްޔޯސާ" ގެ ނަމުގައި ގދ. ތިނަދޫގައި ޕީޕީއެމް އިން ބޭއްވި ޖަލްސާގެ ތެރެއިން --- ފޮޓޯ: ޕީޕީއެމް
ނިހާން ވިދާޅުވީ ތިނަދޫގެ ދެ ގޮނޑި ޕީޕީއެމުން ކާމިޔާބު ކުރާނީ ރައީސް ޔާމީން ތިނަދޫއަށް ގެނެސްފައިވާ، އަދި ގެންނާނަން އުޅޭ ތަރައްގީގެ ޕްރޮޖެޓްތަކާއެކުގައި ކަމަށެވެ.
ހުވަދޫ ބަހުރުވަ:"މި ގެއްލީފޭތޭ ދެ ގޯޑި... ރައީސް ޔާމީންގެ މި ތަރައްގީ ޕްރޮޖެކްޓާ އެކުގައި އިރާދަކެރައްވީފެހޭ އަހަނަ އަނބަރޭ ޕީޕީއެމަން ގެނެންނާ،" ނިހާން ވިދާޅުވިއެވެ.
ތަރުޖަމާ:ރައީސް ޔާމީންގެ ތަރައްގީގެ މި ޕްރޮޖެކްޓާ އެކުގައި ގެއްލުނު ދެ ގޮނޑި އަހަރުމެން އަނބުރާ ޕީޕީއެމަށް ގެންނާނަން،
ރޭގެ ޖަލްސާގައި ނިހާން ވަނީ އިދިކޮޅު ފަރާތްތަކުން ދާދިފަހުން ތިނަދޫގައި ބޭއްވި ޖަލްސާގައި ދެއްކެވި ބައެއް ވާހަކަތަކަށް ރައްދު ދެއްވާފައެވެ.
ނިހާން ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ތިނަދޫ ރައްޔިތުންނަށް އަނިޔާވެރިވި ކަމަށް އެ ޖަލްސާގައި ވާހަކަދެއްކެވި ބައެއް ބޭފުޅުން ވިދާޅުވި ކަމަށާއި ނަމަވެސް ތިނަދޫ ރައްޔިތުންނަށް އެންމެ ބޮޑަށް އަނިޔާވެރިވީ 1962 ވަނަ އަހަރު ރާއްޖޭގައި އޮތް ސަރުކާރުން ކަމަށެވެ. އިދިކޮޅު ފަރާތްތަކަށް އެކަން ނޭނގުނު ކަމަށާއި އެބޭފުޅުންނަކީ "ކަނޑުކޮހުން" ކަމަށް އޭނާ ސިފަކުރެއްވިއެވެ.
"1962 ގައި މި ގައުމުގައި އޮތަ ވެރިކަމަކުން އަހަ މިރަޓަން އަރައި މިރަޓު ރައްޔިތުންނަގަ ތަމައްދުނާއި ތަރައްގީ ހުޅަޖަހައި އަނދޮވޭލައި ރައްޔިތުނަ މިރަޓުން ބާނަ އެނގަވޫ ދެތިނަ ގަޑިވޭލަ އެތަރޭ. އެކަމާ ނުދެނަތޭ ކަނޑުކޮހުނަހޭ މިރަޓަން އާއު. އެ ވާހަކެއާމެދު ވިސްނަންނަންޖެހީގަ. ރާއްދޭ ނޯންނޭ ރަޓެކެ މިއައްޓޭ ބޮޑަން ދަތި ތަހަންމަލް ކެރަންޖެހުނަ ރަޓެކެ،" ހުވަދޫ ބަހުން ނިހާން ވިދާޅުވިއެވެ.
ތަރުޖަމާ:1962 ގައި މި ގައުމުގައި އޮތް ވެރިކަމުން މިރަށަށް އައިސް މިރަށު ރައްޔިތުންގެ ތަމައްދުނާއި ތަރައްގީގައި ހުޅުޖަހައި އަންދާލައި ދެތިން ގަޑިއިރުގެ ތެރޭގައި ރައްޔިތުން މިރަށުން ބާލަން އެންގި. އެކަން ނުދަންނަ ކަނޑުކޮހުން މިރަށަށް އައީ. އިދިކޮޅު ފަރާތްތަކުން ދެއްކި ވާހަކައާ މެދު ވިސްނަންވެއްޖެ. ރާއްޖޭގައި ނޯންނާނެ މިރަށަށްވުރެ ދަތިކަން ތަހަންމަލްކުރަންޖެހުނު ރަށެއް
ނިހާން ވިދާޅުވީ 1962 ވަނަ އަހަރު ތިނަދޫން މީހުން ބޭލިފަހުން އަލުން އަނބުރައި އެރަށަށް މީހުން އާބާދުވި ފަހުން ފާއިތުވި 50 އަހަރު އެރަށަށް ތަރައްގީ ގެނެސްދެއްވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެއްވީ ރައީސް ޔާމީން ކަމަށެވެ.
"އެކަމާ މިއޮއްތޫ ވަރަން ސާފުކޮން ފެނެނެ. މިރަޓު ކޮންމެ ދިމާލަކަން އެބެރުނަސް. ބަލައިލީ ކޮމި ދިމާލަކުން ތެނަދޫން ބަފެނޭ މި ތަރައްގީ ވަރަން ސާފުކޮން،" ހުވަދޫ ބަހުރުވައިން ނިހާން ވިދާޅުވިއެވެ.
ތަރުޖަމާ:އެކަން މިއޮތީ ވަރަށް ސާފުކޮށް ފެންނަން. މިރަށު ކޮންމެ ދިމާލަކަށް އެނބުރުނަސް. ތިނަދޫ އިން ބަލައިލި ކޮންމެ ދިމާލަކުން ވެސް ވަރަށް ސާފުކޮށް މި ތަރައްގީ އެބަ ފެނޭ،

"ހެއްޔޯސާ" ގެ ނަމުގައި ގދ. ތިނަދޫގައި ޕީޕީއެމް އިން ބޭއްވި ޖަލްސާގެ ތެރެއިން --- ފޮޓޯ: ޕީޕީއެމް
ތިނަދޫ ރައްޔިތުންނަށް ފަސޭހަކަމާއެކު އަގުހެޔޮކޮށް ޕެޓްރޯލް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ފިއުލްސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން އެ ރަށުގައި ޕެޓްރޯލް ޝެޑެއް ގާއިމްކުރުމަށް ބިމެއް ހޯދުމަށް އެދުމުން އެރަށު ކައުންސިލުން ބިމެއް ނުދިން ކަމަށް އޭނާ ވިދާޅުވިއެވެ.
ނިހާން ވިދާޅުވީ އެފަދަ ކަންތައްތަކަށް ތިނަދޫ ކައުންސިލުން ދަނީ ހުރަސްއަޅަމުން ކަމަށާއި ގަދަ ދައްކައިގެން އުޅުމުން މާލޭ ސިޓީ ކައުންސިލްގެ ބާރުތައް އެންމެފަހުން ހައުސިން މިނިސްޓްރީގެ ދަށަށް ވަނީ ގެނެސްފައި ކަމަށެވެ. އެހެންކަމުން ތިނަދޫ ކައުންސިލަށް ވެސް ގަދަ ދައްކައިގެން ނޫޅެވޭނެ ކަމަށާއި އަންނަ ޖެނުއަރީ މަހު ތިނަދޫގައި އެފްއެސްއެމްގެ ޕެޓްރޯލް ޝެޑެއް ސަރުކާރުން ގާއިމްކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ހުވަދޫ ބަހުރުވައިން:"އަގަހޯކޮން ތެލަ އޮޑެންލިކާ ހަދަންނަން މިއެނަ ޖެނުއަރީ މަހު ލަސްވެގެން އިރާދަކެރެއްވީފެހޭ އެސްޓީއޯ ފިއުލްސަޕްލައި ތަނަކަ މިތާ އަހަނަ ހަދަންނާ،" ހުވަދޫ ބަހުރުވައިން ނިހާން ވިދާޅުވިއެވެ.
ތަރުޖަމާ:އަގުހެޔޮކޮށް ތެޔޮ ލިބޭނެ ގޮތް ހެދުމުގެ ގޮތުން ލަސްވެގެން އަންނަ ޖެނުއަރީ މަހު އިރާދަކުރެއްވިއްޔާ އެސްޓީއޯ ފިއުލްސަޕްލައި ތެޔޮ ލިބޭނެ ތަނެއް މިރަށުގައި އަޅުގަނޑުމެން ހާދަނަން،
އޭނާ ވިދާޅުވީ މީގެފަހުން ތިނަދޫން އެމްޑީޕީއަށް ކާމިޔާބު ހޯދުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އަދިވެސް ތިނަދުއަށް ގޮސް ޕީޕީއެމް އިން ޖަލްސާތައް ބާއްވާނެ ކަމަށެވެ. އަދި ތިނަދޫގެ 90 ޕަސެންޓު ތާއީދު އޮތީ ކޮން ބަޔަކަށް ކަން އެ ޖަލްސާ އިން އެނގިގެން ދިޔަ ކަމަށް ނިހާން ވިދާޅުވިއެވެ.

"ހެއްޔޯސާ" ގެ ނަމުގައި ގދ. ތިނަދޫގައި ޕީޕީއެމް އިން ބޭއްވި ޖަލްސާގެ ތެރެއިން --- ފޮޓޯ: ޕީޕީއެމް
ތިނަދޫގައި ރޭ ބޭއްވި ޖަލްސާ އަށް ގއ. ވިލިނގިލިން 250 މީހުން ގޮސްފައިވާ ކަމަށާއި ދެން އެ ޖަލްސާގައި ބައިވެރިވީ ތިނަދޫ ރައްޔިތުން ކަމަށް ނިހާން ވިދާޅުވިއެވެ.
އައްޑޫ ސިޓީ، ފުވައްމުލައް އަދި ލ. އަތޮޅުން ވެސް އެ ޖަލްސާ އަށް މީހުން ގެންދިޔަ ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.