26 Nov 2017, 09:05
ސްރީ ލަންކާގެ އައިސް ކްރީމް ފްރެންޗައިޒެއް ކަމަށްވާ، ޖޭމް ރޯލްޑް އައިސްކްރީމް ރާއްޖެއަށް ތައާރަފްކޮށް، އެ އައިސްކްރީމް ވިއްކުމަށް މާލޭގައި ރެސްޓޯރަންޓެއް ހުޅުވައިފި އެވެ.
ޖޭމް ރޯލްޑް އައިސްކްރީމަކީ ކިރާއި މޭވާ އާއި ޗޮކްލެޓް ފަދަ ތަކެތި އަޅައި، ފުޑު ކޮށްގެން ފިނިކޮށްގެން ވަގުތުން ތައްޔާރުކުރާ އައިސްކްރީމެކެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގައި އެ އައިސްކްރީމް މަޝްހޫރުވެފައި ވަނީ "ސްޓްރީޓް ފުޑެއްގެ" ގޮތުގަ އެވެ.
ކަސްޓަމަރުންގެ ކުރިމަތީގައި އައިސްކްރީމް ތައްޔާރުކޮށް، ހިދުމަތް ދެވޭ ގޮތަށް "ޖޭމް ރޯލް އައިސްކްރީމް" ރެސްޓޯރަންޓް މާލޭގައި ހުޅުވީ މިދިޔަ ހުކުރު ދުވަހު އެވެ. އެތަން ހުޅުވައި ދެއްވީ ކީރިތި ގުރުއާން ހިތުދަސްކޮށްފައިވާ، އޯޓިސްޓިކް ކުއްޖެއް ކަމަށްވާ، ހާފިޒް، އަހުމަދު ނަބީހެވެ. ނަބީހު ހުޅުވައި ދެއްވި އެ ކެފޭ ހުންނަނީ އަމީރު އަހުމަދު މަގު، މަޖީދިއްޔާ ސްކޫލު ފުރަގަހުގަ އެވެ.
ޖޭމް ރޯލްޑް އައިސްކްރީމް ރާއްޖޭގައި ހަދަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ
ޖޭމް ރޯލްޑް އައިސްކްރީމްގެ ރެސްޓޯރަންޓް މާލޭގައި ހުޅުވި ރަސްމިއްޔާތަށް، ރާއްޖެ ވަޑައިގެން ހުންނެވި އެ ފްރެންޗައިޒް އުފެއްދި ކުންފުނީގެ ސީއީއޯ ޝަރްފާޒު ނުއުމާން "ސަން" ވިދާޅުވީ އެ ކުންފުނިން އުފައްދާ އައިސްކްރީމަކީ އެހެން އައިސްކްރީމުތަކާ ވަރަށް ތަފާތު ޕްރަޑަކްޓެއް ކަމަށެވެ.
އާންމުކޮށް ލިބެންހުންނަ އައިސްކްރީމްތަކަކީ ފެނާއި ވަޔާއެކު މެޝިންތަކުން އުފައްދާ އެއްޗެހިތަކެއް ކަމަށާއި ނަމަވެސް ރޯލްޑް އައިސްކްރީމްގެ ބޮޑު ބަޔަކީ ސާފު ކިރު ކަމަށް ޝަރްފާޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކިރާ އެކު، ކަސްޓަމަރުން އިހްތިޔާރު ކުރާ ތަފާތު ރަހަތަކަށް އެކި ވައްތަރުގެ އައިސްކްރީމް އެ ކުންފުނިން ތައްޔާރުކޮށްދޭނެ ކަމަށެވެ.
މާލޭގައި ހުޅުވި ޖޭމް ރޯލްޑް އައިސްކްރީމް ރެސްޓޯރަންޓުގައި މުވައްޒަފުން އައިސްކްރީމް ތައްޔާރު ކުރަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ
ޖޭމް ރޯލްޑް އައިސްކްރީމް އުފައްދާ މައި ކުންފުންޏާ ގުޅިގެން، ރާއްޖޭގައި އެ ރެސްޓޯރަންޓެއް ހުޅުވީ "ބައުމް ޕްރައިވެޓް ލިމިޑެޓާ"އިންނެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިންތިފް ވިދާޅުވީ މާލޭގައި ހުޅުވި ރެސްޓޯރަންޓުން ދިވެހިންގެ ރަހަތަކާ ގުޅޭ ގޮތުން އައިސްކްރީމް ތައްޔާރުކޮށްދޭނެ ކަމަށެވެ.
"ފްރެންޗައިޒެއްވީމާ އެއްވެސް ޗެއިންޖެއް ނުގެނެސް ފްލޭވާތައް މި ބޭނުން ކުރަނީ. އިން ފިއުޗާގައި ކޮންމެ ވީކަކު އެއްފަހަރު އަޅުގަނޑުމެން މި ބަލަނީ ހަ ފްލޭވާއެއް އިންޓްރަޑިއުސްކުރަން،" އިންތިފް ވިދާޅުވި އެވެ.
ޖޭމް ރޯލްޑް އައިސްކްރީމްގެ ކުންފުނީގެ ސީއީއޯ ޝަރްފާޒު ނުއުމާން: އޭނާ ވިދާޅުވީ ރާއްޖޭގައި ހުޅުވި ރެސްޓޯރަންޓުން އެކި ރަހަތަކަށް ވަގުތުން އައިސްކްރީމް ހަދައިދޭނެ ކަމަށް --- ސަން ފޮޓޯ/ ފަޔާޒު މޫސާ
އޭނާ ވިދާޅުވީ "ކަނަމަދު" އައިސްކްރީމް ފަދަ ނަންނަމުގައި ރާއްޖެއާ ގުޅޭ ގޮތަށް އައިސްކްރީމް ހަދަން ތައްޔާރުވަމުންދާ ކަމަށެވެ.