ޗައިނާގެ މަޝްހޫރު އެކްޓަރުން ފަހަށް ޖައްސާލުމަށް ފަހު ޗައިނާ ބަހުން ދޭ އޮސްކާގެ ސަޕޯޓިން އެކްޓުރެސްގެ އެވޯޑް ޗައިނާގެ ފިލްމީ ދާއިރާއަށް އަލަށް ތައާރަފުވި 14 އަހަރުގެ ބަތަލާ އަކު ހާސިލް ކޮށްފި އެވެ.

ގޯލްޑެން ހޯސް ފިލްމު އެވޯޑްސްގައި ވިކީ ޗެން އަށް އެންމެ މޮޅު ސަޕޯޓިން އެކްޓުރެސްގެ އެވޯޑް ލިބުނީ، ޓައިވާންގެ ކްރައިމް ޑްރާމާ ފިލްމު، "ދަ ބޯލްޑު، ދަ ކަރަޕްޓު އެންޑް ދަ ބިއުޓިފުލް"ގައި އޭނާ އަދާ ކޮށްފައިވާ ރޯލުން ނެވެ.

އެ އެވޯޑު ހޯދުމަށް މީގެ ކުރިން އެންމެ މޮޅު ބަތަލާގެ އެވޯޑް ހޯދާފައިވާ ދެ ބަތަލާ އިން ޗެންއާ ވާދަ ކުރި އެވެ.

އެންމެ މޮޅު ސަޕޯޓިން އެކްޓުރެސްގެ އެވޯޑާ އެކު އެންމެ މޮޅު ބަތަލާގެ އެވޯޑަށް ވެސް 14 އަހަރުގެ ޗެން ނޮމިނޭޓްވި އެވެ.

ނަމަވެސް، އެ އެވޯޑް ލިބުނީ އޭނާގެ ކޯ ސްޓާރު، ހޮންގް ކޮންގްގެ ވެޓެރަން ބަތަލާ ކާރާ ވެއި އަށެވެ. އެންމެ މޮޅު ބަތަލާގެ އެވޯޑަށް ޗެން ނޮމިނޭޓްވީ "އޭންޖަލްސް ވެއާ ވައިޓް"ގައި އޭނާ އަދާ ކޮށްފައިވާ ރޯލަށެވެ.

ޗައިނާ ބަހުގެ ފިލްމުތަކަށް ހުޅުވާލައިގެން ކޮންމެ އަހަރަކު ޓައިވާންގައި ބާއްވާ "ގޯލްޑެން ހޯސް ފިލްމު އެވޯޑްސް"ގައި ހަތް ދާއިރާ އަކުން ޗެން ފެނިގެންދާ "ދަ ބޯލްޑު، ދަ ކަރަޕްޓު އެންޑް ދަ ބިއުޓިފުލް" ނޮމިނޭޓް ވިއިރު، އެ ފިލްމަށް އެންމެ މޮޅު ފިލްމުގެ އެވޯޑާއެކު ތިން އެވޯޑަށް ލިބުނެވެ.