26 Nov 2017, 08:55
އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގެ ޖަލްސާތަކަށް މީހުންދާވަރު މަދުވެއްޖެ ކަމަށާއި އެ ޕާޓީގެ ލީޑާޝިޕެއް މިހާރު ނެތް ކަމަށް އެމްޑީއޭގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފް ވިދާޅުވެއްޖެ އެވެ.
"ހެއްޔޯސް"ގެ ނަމުގައި ޕީޕީއެމް އިން ރޭ ގދ. ތިނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މައުރޫފް ވިދާޅުވީ އޭނާ ގަބޫލުކުރައްވާ ގޮތުގައި އިދިކޮޅު ޕާޓީއެއް އޮންނަން ޖެހޭ ކަމަށެވެ. ނަމަވެސް އިދިކޮޅު ޕާޓިއެއް ހަރަކާތްތެރިވާތަން ދެކެން ބޭނުންވިޔަސް އެމްޑީޕީއަށް އޮތް ސަޕޯޓް ގެއްލި ޕާޓީގެ ލީޑާޝިޕެއް ވެސް މިހާރު ނެތް ކަމަށް މައުރޫފް ވިދާޅުވި އެވެ.
"ދިއްދޫން ބޭއްވި ޖަލްސާއަށް ވެސް މާލެއިން ދިޔައީ 200 މީހުން. ނުކުތީ 100 މީހުން. ކުޅުދުއްފުށީގައި ވެސް 100 މީހުން މާލެއިން ދިޔަ 50 މީހުން ނުނުކުމެ. މިރަށުގައި ވެސް 300 މީހުން މާލެއިން އައީ. ނުކުތީ 100 މީހުން. ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން ބޭނުންވޭ އިދިކޮޅު ޕާޓީއެއް އޮންނަން. އެހެންނަމަވެސް ރައްޔިތުންގެ ސަޕޯޓެއް ނެތް. އެމްޑީޕީގެ ލީޑާޝިޕެއް ނެތް،" މައުރޫފު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ތައުރީފު ކުރައްވައި މައުރޫފް ވިދާޅުވީ އެމަނިކުފާނަކީ ވަރަށް ތަފާތު "ކޮންކްރީޓް" ވިސްނުމުގެ ބޭފުޅެއް ކަމަށެވެ.
ރައީސް ޔާމީން މަސައްކަތް ކުރައްވަނީ ދުނިޔޭގެ ފެންވަރުގައި ރާއްޖެ ތަރައްގީ ކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރައީސް ޔާމިންގެ ތަސަައްވަރު ހުރީ ޒުވާން ޖީލެއް ބިނާކުރުމަށް ކަމަށާއި އެކަން ހާސިލުވުމުން ރާއްޖޭގެ ތަރައްގީ މެކުހަށް ޖެހި މުޅި ރާއްޖެއަށް ހަމަޖެހުމާއި އުފާވެރިކަން އަންނާނެ ކަމަށް މައުރޫފު ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދި ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ތިނަދުއަށް މާބޮޑު ތަރައްގީއެއް ގެނެސްދީފައި ނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެމްޑީޕީން މިހާރު އުޅެނީ ރައީސް ޔާމީން ތިނަދުއަށް ގެންނަވާ ތަރައްގީއަށް ހުރަސްއެޅުމަށް ކަމަށާއި އެކަން ހުއްޓާލުމަށް އެޕާޓީއަށް އިލްތިމާސްކުރާ ކަމަށެވެ.
އެމްޑީޕީން ކިތަންމެ ބޭނިން ވިޔަސް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވޭނެ ކަމަށާއި ރާއްޖެ ވަޑައިގެންފި ނަމަ އެމަނިކުފާނު ޖެހޭނީ ހުކުމް ތަންފީޒު ކުރަން ޖަލަށް ވަޑައިގަންނަވަން ކަމަށް އިބްރާހިމް ދީދީ ވިދާޅުވި އެވެ.