"ހެއްޔޯސާ" ގެ ނަމުގައި ރޭ ގދ. ތިނަދޫގައި ބޭއްވި ޖަލްސާއާ އެކު އެރަށުގައި ޕީޕީއެމްގެ ހަރަކާތްތައް ފެށުނީ ކަމަށާއި ދެން ކޮންމެ ހަފްތާއަކު ޕާޓީގެ ވަފްދެއް އެރަށަށް ދާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ތިނަދޫގައި ރޭ ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފޮނަދޫ ދާއިރާގެ މަޖިލިސް މެމްބަރުކަން ވެސް ކުރައްވާ އަދުރޭ ވިދާޅުވީ ކޮންމެ ހަފްތާއަކު ޕީޕީއެމްގެ ވަފްދެއް ތިނަދުއަށް ފޮނުވަން ނިންމެވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކަމަށެވެ.

އަދުރޭ ވިދާޅުވީ ތިނަދުއަށް އޭނާ ވަޑައިގަތުމުން ރައީސް ޔާމީން އެރަށަށް ގެނެެސްދެއްވާފައިވާ ތަރައްގީ ފެނިވަޑައިގެންނެވި ކަމަށެވެ. އެގޮތުން ފައިބާ ވަޑައިގެންނެވި ބަނދަރުން ފެށިގެން ދަތުރު ކުރި މަގުތައްވެސް ރައީސް ޔާމީނަށް ޝުކުރު ދެންނެވި ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝިދުގެ ފިކުރަކީ ފަނާ ކުރުވަނިވި ފިކުރުކަމަށާއި ރައްޔިތުން އެ ފިކުރު ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައްޔިތުން ބޭނުންވަނީ އިތުރު ފަސް އަހަރު ގައުމު ބިނާ ކުރުމަށް ރައީސް ޔާމީނާ ހަވާލު ކުރުމަށް،" އަދުރޭ ވިދާޅުވިއެވެ.

ދެހާސް ބާރަ ވަނަ އަހަރު ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމާ އެކު ޖެހިގެން އައި ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު ތިނަދޫގައި ހުރި ދައުލަތުގެ ތިން މުއައްސަސާއެއްގެ އިމާރާތުގައި ހުޅުޖެހި މީހުންނަށް ގާނޫނީ ފިޔަވަޅު އެޅުމަށް މިރޭވެސް އަދުރޭ ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

ތިނަދޫގެ ތަރައްގީގައި ހުޅުޖަހައި އަންދާލި މީހުންނަށް ވީހާވެސް އަވަހަކަށް ފިޔަވަޅު އެޅުމަކީ އެރަށުގެ ރައްޔިތުންގެ ހައްގުގައިވެސް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އަދުރޭ ވިދާޅުވިއެވެ.

"ތިނަދޫގެ ޒުވާނުންގެ ހައްގުގައި. ތިނަދޫ ރައްޔިތުންގެ ހައްގުގައި އަދި ކުރިއަށް އަންނަން އޮތް ޖީލުގެ ހައްގުގައިވެސް އަޅުގަނޑު ދަންނަވަން އެމީހުންނަށް ފިޔަވަޅު އަޅައިދޭން،" އަދުރޭ ވިދާޅުވިއެވެ.

ރައީސް ޔާމީން 2018 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް ހޮއްވެވުމަކީ ދީނީ ވާޖިބެއް ކަމަށް އޭނާ ވިދާޅުވާ ވިދާޅުވުން ރޭ ވެސް އަދުރޭ ތަކުރާރު ކުރެއްވިއެވެ.

އޭނާ ވިދާޅުވީ ތިނަދުއަށް ރައީސް ޔާމީން ގެންނެވި ތަރައްގީއަށް ޝުކުރު އަދާކުރުމުގެ ގޮތުން އެރަށު ރައްޔިތުން އެމަނިކުފާނަށް ވޯޓުދޭން ޖެހޭ ކަމަށެވެ.