ސީޝެލްސްގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ބެޑްމިންޓަން ޓީމް އިވެންޓްގައި މިއަދު މޮރިޝަސްއާއި ދެކޮޅަށް ރާއްޖެ ކުޅުނު މެޗުން ރާއްޖެ ބަލިވެއްޖެ އެވެ.

ސިންގަލްސް ތިން މެޗާއި ޑަބަލްސް ދެ މެޗް ކުޅުނުއިރު މޮރިޝަސް މިމެޗް ކާމިޔާބުކޮށްފައިވަނީ 3-2 ގެ ނަތީޖާއަކުންނެވެ.

މިމެޗްގައި ފުރަތަމަ ރާއްޖޭގެ މުހައްމަދު އަޖްފާން މޮރިޝަސްގެ ޕޯލްއާއި ދެކޮޅަށް ކުޅުނު މެޗް 21-8 އަދި 21-13 އިންވަނީ ކާމިޔާބުކޮށް ރާއްޖެއަށްވަނީ ލީޑު ހޯދަދީފަ އެވެ. ނަމަވެސް ދެވަނަ މެޗްގައި މޮރިޝަސްގެ ލުއިސަންއާއި ދެކޮޅަށް ރާއްޖެގެ ނަޝީއު ކުޅުނު މެޗް 25-23 އަދި 21-17 އިން މޮރިޝަސްވަނީ ކާމިޔާބުކޮށް މެޗް އެއްވަރުކޮށްފަ އެވެ.

ސިންގަލްސް ތިންވަނަ މެޗްގައި ރާއްޖޭގެ ޝާރިމް ކުޅުނު މެޗް އޭނާވަނީ 21-19 އަދި 21-14 އިން ކާމިޔާބުކޮށް ދެވަނަ ފަހަރަށް ރާއްޖެއަށް ކުރި ހޯދަދީފަ އެވެ. ނަމަވެސް ޑަބަލްސް ދެ މެޗްވެސް މޮރިޝަސްއިންވަނީ ކާމިޔާބުކޮށްފަ އެވެ. ފަހު މެޗްގައި ރާއްޖޭގެ އަޖްފާންއާއި ޝާމިއުވަނީ މޮރިޝަސްއާއި ދެކޮޅަށް ވަރަށް ރަގަޅު ކުޅުމެއް ދައްކާފައެވެ. މޮރިޝަސްއާއި ދެކޮޅަށް އަޖްފާންވަނީ ވަރަށް މޮޅު ކުޅުމެއް ދައްކާފަ އެވެ.