26 Nov 2017, 08:59
މި އަހަރުގެ އޮކްޓޯބަރު މަސް ނިމުނު އިރު ރާއްޖޭގައި ހިދުމަތްދޭ ޓޫރިސްޓް އެނދުތަކުގެ އަދަދު 40،000 އިން މައްޗަށް އަރައިފި އެވެ. ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އޮކްޓޯބަރު މަހުގެ ނިޔަލަށް ރާއްޖޭގައި ޓޫރިސްޓު އެނދުތަކުގެ އަދަދު ވަނީ 40،169 އަށް އަރައިފަ އެވެ.
ޓޫރިސްޓު އެނދުތަކުގެ ތެރެއިން ރިސޯޓުތަކުގައި 28647 އެނދާއި ހޮޓާތަކުގެ 1594 އެނދާއި އަދި ގެސްޓު ހައުސްތަކުން 7149 އެނދުގެ އިތުރުން ސަފާރީތަކުން 2779 އެނދު ހިއްސާ ކުރެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ހާމަކުރި ގޮތުގައި އޮކްޓޯބަރު މަހުގެ ނިޔަލަށް ރާއްޖޭގައި 131 ރިސޯޓަކާއި13 ހޮޓަލެއްގެ އިތުރުން 460 ގެސްޓު ހައުސްއަކާއި 151 ސަފާރީ ދަނީ އޮޕަރޭޓް ކުރަމުންނެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި މި އަހަރު އޮކްޓޯބަރު މަހުގެ ނިޔަލަށް ވަނީ 1،125،996 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފަ އެވެ. މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކޮށްފައި ވަނީ 1،062،033 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާ އިރު ހަ ޕަސެންޓުގެ ކުރިއެރުމެކެވެ.