ގިނަ ބަޔެއްގެ އިންތިޒާރަށް ނިމުން ގެނުވައި ބާސެލޯނާގެ ފޯވާޑް ލިއޮނަލް މެސީ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފިއެވެ.

ބާސާއާއެކު މީގެ ކުރިން މެސީ ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު މި ސީޒަނަށްފަހު ހަމަވާނެއެވެ. އަދި އޭނާ ކޮންޓްރެކްޓް އާނުކޮށް އެހެން ކުބަލަބަކަށް ބަދަލުވާނެ ކަމުގެ ވާހަކަތަކަށް މިވަނީ ނިމުން ގެނެސްފައެވެ. އޭނާ މިފަހަރު ކޮންޓްރެކްޓް އާކުރީ 2021 ވަނަ އަހަރާ ހަމަޔަށް އެ ކްލަބުގައި ހުރުމަށެވެ. އަދި އާ ކޮންޓްރެކްޓާ އެކު އޭނާގެ ރިލީޒް ކްލޯސް ފީ އަކީ މިހާރު 700 މިލިޔަން ޔޫރޯއެވެ.

މެސީއާ އެކު ހަތަރު އަހަރުގެ އެއްބަސްވުމަކަށް އާދެވިއްޖެކަން މިދިޔަ ޖުލައި މަހު ބާސާ އިން ވަނީ އިއުލާންކޮށްފަ އެވެ. ނަމަވެސް އެ ކޮންޓްރެކްޓްގައި އޭނާ ސޮއިކޮށްފައިވާނެ ކަމާ މެދު ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ.

އުމުރުން 30 އަހަރުގެ މެސީ ބާސާގެ ސީނިޔާ ޓީމަށް އެންމެ ފުރަތަމަ މެޗެއް ކުޅެދިނީ 2004 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ މިހާތަނަށް އެ ކްލަބަށް 602 މެޗު ކުޅެދީ 523 ލަނޑު ކާމިޔާބުކޮށްދީފައެވެ. މެސީ ވަނީ މިހާތަނަށް ބާސާއާއެކު ސްޕެނިޝް ލީގު އަށް ފަހަރު އަދި ޗެމްޕިއަންސް ލީގު ހަތަރު ފަހަރެއްގެ މަތިން ކާމިޔާބުކޮށް ޖުމްލަ 30 ތަށި ބާސާ އާއެކު ކާމިޔާބު ކޮށްފައެވެ.

މެސީގެ އިތުރުން ބާސާއާއެކު ދެން އެންމެ ގިނަ ކާމިޔާބީ ހޯދި ކުޅުންތެރިއަކީ އަންދްރޭސް އިނިއެސްޓާއެވެ.