06 Aug 2011, 22:43
ރޯދަމަސް ފެށިގެން ދެދުވަސް ވީއިރުވެސް ގދ. ހޯނޑެއްދޫގެ ދެ މިސްކިތި އަންހެނުންނަށް ތަރާވީހު ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ނުވާތީ އެ ރަށުގެ އަންހެނުން ރަށުކައުންސިލަށް ޕެޓިޝަނެއް ހުށައަޅާފައި ވަނިކޮށް އަންހެންވެރިންނަށް ތަރާވީހު ނަމާދު ކުރެވޭނެ އިންތިޒާމް ރަށުގެ އަމިއްލަ ފަރާތަކުން ހަމަޖައްސައިދީފި އެވެ.
ހޯނޑެއްދޫ ރަށުކައުންސިލުން ބުނީ އެ ރަށުގެ ދެ މިސްކިތުގައި ޕާޓިޝަން ޖަހައި އަންހެނުން ނަމާދުކުރާނެ ބައެއް ހަދައިދިނީ ރަށުކައުންސިލުން އެދިގެން އެރަށުގެ އާއްމު ފަރާތަކުން ކަމަށެވެ. އަދި ބުނީ ތަރާވީހު ނަމާދުކުރެވޭނެ ގޮތެއް ހަމަ ނުޖެހިގެން ރަށު ކައުންސިލަށް އަންހެންވެރިން ހުށަހެޅި ޕެޓިޝަނަކީ ސިޔާސީ ބޭނުމެއްގައި ހުށައެޅި ޕެޓިޝަނެއް ކަމަށެވެ. އެ ޕެޓިޝަން ހުށައެޅުމުގެ ކުރިން ވެސް އެކަން ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އައި ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
" އަޅުގަނޑުމެންނަށް ބަޖެޓެއް ނުލިބިގެން ލަސްވީ، އެހެންވެ ހަމަނުޖެއްސި އުޅެނިކޮށް، އަޅުގަނޑުމެންގެ އެދުމުގެ މަތިން ރަށުގެ އާއްމު ފަރާތަކުން މިހާރު ވަނީ ދެ މިސްކިތުގައި ޕާޓިޝަން ޖަހައި، ކުޑަދޮރުތައް ވެސް ނިވާކޮށް، އަންހެނުންނަށް ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދީފައި" ހޯނޑެއްދޫ ކައުންސިލްގެ ރައީސް މުހައްމަދު އަޝްރަފް ވިދާޅުވި އެވެ.
އަޝްރަފް ވިދާޅުވީ އަންހެނުން ތަރާވީހު ނަމާދުކުރާނެ އިންތިޒާމް ހަމަޖައްސަން ބަޖެޓެއް ކަނޑައެޅިފައި ނުވާ ކަމަށް އިސްލާމިކް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ރަށުގެ ރައްޔިތުންގެ ބަޖެޓްގައި ފައިސާ އެބަހުރިކަމަށާއި އެފައިސާ ވެސް ސަރުކާރުން ފްރީޒް ކޮށްފައިވާތީ މިސްކިތުގައި ޕާޓިޝަން ޖެހުމުގެ މަސައްކަތް ކުރުމަށް އެފައިސާ ހަރަދު ނުކުރެވުނީ ކަމަށެވެ.
ހޯނޑެއްދޫ ރަށުކައުންސިލުން ބުނީ ތަރާވީހު ނަމާދުކުރާނެ މީހެއް ފޮނުއްވައި ދިނުމަށް ވެސް އިސްލާމިކް މިނިސްޓްރީގައި އެދުނު ކަމަށެވެ. ނަމަވެސް ރަށުގައި ތިބި މުދިމުން ލައްވައި ތަރާވީހު ކުރުމަށް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.
" އެންމެންވެސް ބޭނުން ވަނީ ތަރާވީހު ނަމާދުގެ ތެރޭގައި ޤުރުއާން ހަތިމް ކުރަން ، އެހެންވެ އެކަން ކުރެވޭ ވަރުގެ އިމާމެއް ކައުންސިލަރުންގެ އަމިއްލަ ހަރަދުގައި ވަނީ ސްރީލަންކާއިން ގެނެސްފައި،" އަޝްރަފު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ލަންކާއިން އިމާމު ގެނައީ ރަށުކައުންސިލްގެ ފަސް މެމްބަރުންގެ އެއް މަހުގެ މުސާރައިގެން ގާތްގަނޑަކަށް 40 ޕަސެންޓް ހަރަދުކޮށްގެން ކަމަށެވެ. އިމާމުވެ ތަރާވީހު ނަމާދު ކުރާ ބޭފުޅަކަށް ދިނުމަށްޓަކައި އިސްލާމިކް މިނިސްޓްރީން 6000ރ. ދެއްވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގާތްގަނޑަކަށް 1000 އަށް ވުރެ ގިނަ މީހުން އުޅޭ ހޯނޑެއްދޫގެ ދެބައިކުޅަ އެއްބަޔަކީ އަންހެނުންނެވެ.