އަންހެނުންނަށް ކުރާ އަނިޔާގެ މައްސަލަތައް ރިޕޯޓުކުރުމަށް އަންހެނުން އަދިވެސް ފަސްޖެހޭ ކަމަށާއި ރިޕޯޓް ކުރުން މަދުކަމަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ބުނެފިއެވެ.

އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރާ ދުވަހުގެ މުނާސަބަތުގައި ނެރުނު ބަޔާނެއްގައި އެޗްއާރްސީއެމްއިން ބުނެފައިވަނީ މިފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ އަނިޔާ ލިބެމުންދާ ފަރާތްތަކަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ބާރުއަޅައި، އަންހެނުންނަށް ކުރާ އަނިޔާއާ މެދު މުޖުތަމައު ހޭލުންތެރިކުރުވުން ކަމަށެވެ. އަދި އަންހެނުންނާމެދު ކުރާ ތަފާތުކުރުންތައް ނައްތާލުމަކީވެސް ދުނިޔޭގެ ފެންވަރުގައި މިފަދަ ދުވަހެއް ފާހަގަ ކުރުމުގެ އެންމެ ބޮޑު އެއް ބޭނުން ކަމަށް ވަނީ ބުނެފައެވެ.

ދިވެހިރާއްޖޭގައި ހެދިފައިވާ ގާނުނު ތަކާއި އިސްލާމީ އުސޫލުތަކުގެ ތެރެއިންވެސް އަންހެނުންނަށް ރައްކާތެރިކަމާއި ހައްގުތައް ކަށަވަރުކޮށްދީފައިވީ ނަމަވެސް ގާނުނު ތަކުގެ ތެރެއިން އެ ހައްގުތައް ހޯދައިދިނުމަށް ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށް އެޗްއާރްސީއެމްގެ ބަޔާނުގައިވަނީ ބުނެފައެވެ.

"އަންހެނުންގެ ހައްގުތަކާއި ގުޅޭ ޤާނޫނުތައް ތަންފީޒުކުރުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރެވެ. އެގޮތުން، އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ބަޖެޓާއި ވަސީލަތްތަކުގެ ދަތިކަން އެބަހުރި،" އެޗްއާރްސީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

އެ އިދާރާގެ ބަޔާނުގައި ބުނެފައިވަނީ އަންހެނުންނަށް ކުރާ އަނިޔާގެ މައްސަލަތަކާ ގުޅިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާއިރު ޖިސްމާނީ، ނަފްސާނީ އަދި ޖިންސީ އަނިޔާ، ބިރުދެއްކުމާއި، މާލީގޮތުން ދަތިކުރުމާއި އަދި މަސައްކަތުގެ މާހައުލުގައި އަންހެނުންނަށް ޖިންސީ ފުރައްސާރަކުރުމާއި ޞިއްޙީ ޚިދުމަތްދޭ ފަރާތްތަކުގެ އިހުމާލުގެ މައްސަލަތަކާއި އަދި ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް ކުރިމަތިލާންޖެހިފައިވާ އެކި ބާވަތްތަކުގެ އަނިޔާގެ މައްސަލަތައް ހިމެނޭ ކަމަށެވެ.

އަދި އެއިން ކޮންމެ މައްސަލައަކީވެސް އެ އިދާރާއިން ސީރިއަސް ކަމާއި އެކު ތަހުގީގު ކުރަމުންދާ މައްސަލަތައް ކަމަށާއި ނަމަވެސް އަދިވެސް އަނިޔާ ލިބޭ މީހުންގެ ފަރާތުން ބިރާއި ހުރެ މައްސަލަތައް ރިޕޯޓް ކުރުން މަދު ކަމަށެވެ.

"އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވައި، އަނިޔާގެ މައްސަލަތައް ރިޕޯޓުކުރުމުގައި ދިމާވާ ގޮންޖެހުންތައް ނައްތާލައި، އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޤާނޫނުތައް ތަންފީޒުކުރުމަށް ބޭނުންވާ އެންމެހާ ވަސީލަތްތައް މިހާރަށް ވުރެ އިތުރުކުރުމުގެ މުހިންމުކަން،" އެޗްއާރްސީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

އެޗްއާރްސީއެމް އިން ބުނެފައިވަނީ އަނިޔާ ލިބޭ އަންހެނުންނާ މެދު މުޖުތަމައު ދެކޭގޮތް ބަދަލުކޮށް، އާއިލާއާއި މުޖުތަމައުގެ ފަރާތުން، އެފަދަ މީހުންނަށް ދޭންޖެހޭ އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ނަސޭހަތްތެރިވާ ކަމަށެވެ.

އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރާ ދުވަހަކީ ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު 25 ވަނަ ދުވަހެވެ.