25 Nov 2017, 12:41
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށްހާއްސަކޮށްގެން މިނިސްޓްރީއޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ "އެސްއެމްއީ ފައިނޭސް ފޯރަމް"ގެ ތިންވަނަ ފޯރަމް ހދ. ކުޅުދުއްފުށީގައި ފަށައިފިއެވެ.
މިއަދު ކުޅުދުއްފުށީގައި އެ ފޯރަމް ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގު ވިދާޅުވީ، މީގެ ކުރީގެ ސަރުކާރުން ކުދި ވިޔަފާރިތަށް ކުރިއެރުވުމަށް މުހިއްމުކަމެއް ދީފައި ނުވާކަމަށެވެ. ނަމަވެސް މި ސަރުކާރުން ކުދިވިޔަފާރިތައް ފުޅާކޮށް ކުރިއެރުވުމަށް މުހިއްމުކަން ދެއްވާކަމަށްވެސް ތައުފީގު ވިދާޅުވިއެވެ.

ހދ.ކުޅުދުއްފުށީގައި ކުރިއަށްގެންދާ އެސްއެމްއީ ފޯރަމްގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގު ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ
ތައުފީގު ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން މި ސަރުކާރުން ކުޑަ އިންޓްރެސްޓް ރޭޓް ތަކާއެކު ލޯނު ސްކީމްތައް ތައާރަފް ކޮށްފައިވާ ކަމަށެވެ. އަދި އެ ލޯން ސްކީމްތައް ތައާރަފް ކުރުމުން ބޭންކް ތަކުންވެސް އެ ވިޔަފާރިތަކަށް ހާއްސަ އިސްކަމެއް ދެއްވާކަމަށްވެސް ޑެޕިއުޓި މިނިސްޓަރު ވިދާޅުވިއެވެ.

ހދ.ކުޅުދުއްފުށީގައި ކުރިއަށްގެންދާ އެސްއެމްއީ ފޯރަމްގެ ތެރެއިން -- ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ
އެސްއެމްއީ ފޯރަމްގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ރާއްޖޭގެ މާލީދާއިރާގެ ތަޖުރިބާކާރުންނާ ގުޅިގެން މައުލޫމާތު ހިއްސާ ކުރުމުގެ ސެޝަންތަކެއް ކުރިއަށްގެންދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އެ ސެޝަން ތަކުގައި ވިޔަފާރީގެ ދާއިރާއާއި އާމްދަނީ އިތުރުކުރުމާއި އެ ދާއިރާގައި ކުރިއެރުމުގައި ދިމާވާ ދަތިތަކާ ބެހޭގޮތުން ވާހަކަދައްކައި މައުލޫމާތު ހިއްސާ ކުރެވިގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

ހދ.ކުޅުދުއްފުށީގައި ކުރިއަށްގެންދާ އެސްއެމްއީ ފޯރަމްގެ ތެރެއިން -- ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ
ބޭންކް އޮފް މޯލްޑިވްސް، އިސްލާމިކް ބޭންކް، މަނިޓަރީ އޮތޯރިޓީ، ޕޯސްޓް ލިބިޓެޑް، އަދި އެލައިޑް އިންޝިއުރެންސްގެ ފަރާތުން އެ ފޯރަމްގައި ވާހަކަދައްކަން ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން ޑެޕިއުޓި އިކޮނޮމިން މިނިސްޓަރު އާދަމް ތައުފީގާއި، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ސޯލިހު ހުސައިން އަދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ޑިރެކްޓަރު އަހުމަދު މުންތާޒުގެ އިތުރުން 150 ބައިވެރިން އެ ފޯރަމްގައި ވަނީ ބައިވެރި ވެފައެވެ.

ހދ.ކުޅުދުއްފުށީގައި ކުރިއަށްގެންދާ އެސްއެމްއީ ފޯރަމްގެ ތެރެއިން -- ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ
ހދ.ކުޅުދުއްފުށީގައި މިއަދު ކުރިއަށްގެންދާ އެ ފޯރަމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވަން ހަމަޖެހިފައިވާ ފޯރަމެކެވެ. އެ ފޯރަމް އެންމެ ފުރަތަމަ ބާއްވާފައިވަނި އައްޑޫގައެވެ. ދެވަނަ ފޯރަމް ބާއްވާފައިވަނި މ. އަތޮޅު މުލަކުގައެވެ.