ޔޫރަޕްގެ ކްލަބްތަކުގެ ތެރޭން މިހާރު އެންމެ ވަރުގަދައީ އިނގިރޭސި ޕްރިމިއަރ ލީގުގެ މެންޗެސްޓަރ ސިޓީއާއި ފްރާންސް ލީގުގެ ޕީއެސްޖީ ކަމަށާއި އެހެންކަމުން މިފަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރާނީ މި ދެޓީމުންކުރެ ޓީމެއް ކަމަށް ބާސެލޯނާގެ ސުޕަރސްޓާ ލިއޮނަލް މެސީ ބުނެފިއެވެ.

މެސީގެ ކުރީގެ ކޯޗު ޕެޕް ގާޑިއޮލާގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ސިޓީން 34 ޕޮއިންޓާއެކު އިނގިރޭސި ލީގުގެ އެންމެ ކުރީގައި ފިޔަޖަހަމުން ދާއިރު، އެޓީމާ އެންމެ ގާތުން ވާދަކުރާ މެންޗެސްޓަރ ޔުނައިޓެޑާ ދެމެދު އަށް ޕޮއިންޓުގެ ތަފާތެއް އެބައޮތެވެ. ހަމަ އެހެންމެ ޗެމްޕިއަންސް ލީގުގައި ވެސް ސިޓީން ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.

ނޭމާ، އެޑިސަން ކަވާނީ، އަދި ކީލިއަން އެމްބާޕޭގެ ވަރުގަދަ އެޓޭކިންއާއެކު ޕީއެސްޖީން ވެސް ޗެމްޕިއަންސް ލީގުގައި މޮޅު ކުޅުމެއް ދައްކަމުންދާއިރު، ފްރާންސް ލީގުގައި ވެސް އެޓީމުން ދަނީ އެހެން އަހަރުތަކާ ހިލާފަށް ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ.

ބާސާއިން މިފަހަރުގެ ޗެމްޕިއަންސް ލީގު ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތްކުރަމުން ދާއިރު، މެސީ ދެކޭގޮތުގައި މުބާރާތް ކާމިޔާބުކުރުމަށް އެ ކްލަބަށް އޮތް އެންމެ ބޮޑު ހުރަހަކީ ސިޓީ އަދި ޕީއެސްޖީއެވެ.

"ސިޓީއާ ޕީއެސްޖީއަކީ މިހާރު ޔޫރަޕްގައި އޮތް އެންމެ ވަރުގަދަ ދެ ކްލަބު،" މާސާއަށް ދިން އިންޓަވިއުއެއްގައި މެސީ ބުންޏެވެ.

ސްޕެނިޝް ލީގުގައި މިހާތަނަށް ކުޅުނު މެޗުތަކަށް ބަލާއިރު ބާސާއިން ވެސް ދަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ލީގުގެ އެއްވަނައިގައި މިވަގުތު އެ ކްލަބު އޮތީ، ވާދަވެރި ރެއާލް މެޑްރިޑަށް ވުރެ 10 ޕޮއިންޓު އިތުރަށް ހޯދައިގެންނެވެ.

ލަ ލީގާގައި ބާސާއަށްވުރެ ފަހަތުގައި ރެއާލް އޮތް ކަމުގައި ވީ ނަމަވެސް، ޒައިނުއްދީން ޒިދާންގެ ޓީމުން ޗެމްޕިއަންސް ލީގުގައި ބާސާއާ ކުރިމަތިލާން ޖެހިއްޖެ ނަމަ، ފިއްތުންތަކެއް ކުރިމަތިލާން ޖެހޭނޭކަން މެސީ ގަބޫލުކުރެއެވެ.

"އަހަރެން ރެއާލް މަތިން ހަނދާން ނައްތައެއް ނުލަން. އެންމެން ގަބޫލުކުރާ ފަދަ ނަތީޖާއެއް ނޫން އެމީހުން ނެރޭނީކީ. އެހެން ފަހަރު ތަކެކޭ އެއްފަދައިން ރެއާލުންވެސް އެންމެ ފަހު ވަގުތު ހަމަ ވަރުގަދަ ފައިޓެއްދޭނެކަން ޔަގީން."

މެސީ ބުނީ، ސިޓީއާ ޕީއެސްޖީ އަދި ރެއާލަށް ފަހު ޖަރުމަނުގެ ބަޔާން މިއުނިކަކީވެސް ޔޫރަޕްގެ ވަރުގަދަ ކްލަބެއް ކަމަށެވެ. އެހެންކަމުން ޗެމްޕިއަންސް ލީގު ހޯދުމަށް ބާސާއަށް ވަރަށް ބޮޑަށް މަސައްކަތް ކުރާން ޖެހޭނޭ ކަމަށް އޭނާ ބުންޏެވެ.