ވައިޓް ހައުސްގައި ވަޒީފާ އަދާކުރައްވާ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަރިކަނބަލުން އިވަންކާއާއި އެކަމަނާގެ ފިރިކަލުން ޖެރެޑް ކުޝްނާ ވޮޝިންގްޓަން ދޫކުރައްވައި އެދެބޭފުޅުންގެ ދިރިއުޅުއްވުން ނިޔުޔޯކް އަށް ބަދަލުކުރެއްވުމަށް ޓްރަމްޕް މިހާރުވަނީ އެދިވަޑައިގެންފައެވެ.

ޓްރަމްޕްގެ އަރިސް ބޭފުޅަކާ ހަވާލާދީ "ނިއުޒް ވީކް" ބުނާގޮތުން ޓްރަމްޕް އޭނާގެ ދަރިކަނބަލުންނާއި ދަނބިދަރިކަލުންގެ ކިބައިން މިކަމަށް އެދިވަޑައިގަތީ އެދެބޭފުޅުންނާ ދެކޮޅަށް އެމެރިކާގެ މީޑިޔާ އިން ދެމުންގެންދާ ހަމަލާތަކުން އެދެބޭފުޅުން ސަލާމަތް ކުރުމުގެ ގޮތުންނެވެ. ކުޝްނާއާ ދެކޮޅަށް އެމެރިކާގެ މީޑިޔާއިން ތަފާތު ހަމަލާތައް ދެމުންގެންދާއިރު އެކަން ޓްރަމްޕްގެ ބޮލުގެ ރިހުމަކަށްވެފައިވާ ކަމަށްވެސް "ނިއުޒް ވީކް" ބުނެއެވެ.

ކުޝްނާއަކީ ވައިޓްހައުސްގައި ޓްރަމްޕްގެ އިސް މުސްތަޝާރު ކަމުގެ މަގާމު އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އިވަންކާވެސް ވަޒީފާ އަދާކުރައްވަނީ ވައިޓް ހައުސްގައެވެ. އެމެރިކާގެ މަޝްހޫރު "ޕޮލިޓިކޯ" ވެބްސައިޓް ބުނާގޮތުން ޓްރަމްޕްވަނީ ވައިޓް ހައުސްގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަތަކެއްގައި ދަރިކަނބަލުން އިވަންކާއާއި އެކަމަނާގެ ފިރިކަލުން ގެރިޑް ކުޝްނާ ދެކޮޅަށް އެމެރިކާގެ މީޑިޔާ އިން ދެމުންގެންދާ ހަމަލާތަކާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ކުޝްނާ އާއި އަނބިކަނބަލުން އިވަންކާ

މައްސަލަތައް ތިލަވާންފެށުން

ކުޝްނާގެ ފްލެޓެއް ނިޔުޔޯކްގައި ހުންނަކަމާ އަދި ނިޔުޔޯކްގައި ހުންނަ ޓްރަމްޕް ޓްވަރުގައިވެސް އިވަންކާއާއި ކުޝްނާއަށް ދިރިއުޅުއްވިދާނެ ޓްރަމްޕް ވިދާޅުވި ކަމަށްވެއެވެ. ޓްރަމްޕް، މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ ވައިޓްހައުސްގައި މިހާތަނަށްއޮތް ކުޝްނާއާއި އިވަންކާގެ ބާރާއި ނުފޫޒު ކުޑަވަމުންދާ ދަނޑިވަޅެއްގައެވެ. ކުޝްނާ އާއި އިވަންކާގެ ބާރާއި ނުފޫޒު އާދަޔާ ޚިލާފަށް ގަދަވެ ވައިޓް ހައުސްގެ ރަސްމީ ޕްރޮޓޮކޯލްތައް ފަހަނަޅައި އެބޭފުޅުން ބޭނުންގޮތަކަށް މަސައްކަތް ކުރައްވާތީ ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފްގެ މަގާމުގައި އެކަކުވެސް ހަރެއްނުލައެވެ.

އެމަގާމުން ދެބޭފުޅުން މިހާތަނަށް އިސްތިއުފާ ދެއްވާފައިވާއިރު ވައިޓް ހައުސްގެ އެހެން މަގާމުތަކުގެ ބޭފުޅުންވަނީ ފާއިތުވި މަސްތަކުގައި އަވަސް އަވަހަށް އިސްތިއުފާ ދެއްވާފައެވެ. މި އިސްތިއުފާތަކުގެ ސަބަބަކީ ކުޝްނާ އާއި އިވަންކާ ގެ އާދަޔާ ޚިލާފު ބާރާއި ނުފޫޒު ކަމަށްވެއެވެ. އެދެބޭފުޅުން ރަސްމީ ޕްރޮޓޮކޯލްތަކަށްވުރެ މަތީގައި އުޅުއްވާތީ ކަމަށްވެއެވެ. ނަމަވެސް އެންމެފަހުން ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފްގެ މަގާމަށް ޓްރަމްޕް އައްޔަން ކުރެއްވި ތަޖްރިބާކާރު ޖެނެރަލް ޖޯންކެލީ ވަނީ އެހެން ބޭފުޅުންނާ ޚިލާފަށް ކުޝްނާ އާއި އިވަންކާގެ ބާރާއި ނުފޫޒު ވައިޓް ހައުސް އިން ކަނޑުވާލުމަށް ވަރަށް ކެރިގެން ފާޅުގައި މަސައްކަތް ފައްޓަވާފައެވެ.

ކުރިން ދެ ބޭފުޅުން އުޅުއްވިގޮތަށް ވައިޓްހައުސްތެރޭގައި އުޅުއްވުމުގެ ހުއްދައެއް މިހާރު ނެތް

ކެލީވަނީ އޭނާގެ ދެއްވާ ޓާސްކުގެ ދަށުން ނޫންގޮތަކަށް ރަސްމީ ގަޑީގައި ވައިޓް ހައުސްގެ ތެރޭގައި ހަރަކާތްތެރިވުން ކުޝްނާ އާއި އިވަންކާއަށް މަނާކޮށްފައެވެ. މިބަދަލާއެކު އިވަންކާއަށްވެސް އަދި ކުޝްނާއަށްވެސް ރަސްމީ ގަޑީގައި ޓްރަމްޕާ ބައްދަލުކުރެވެނީ ޖޯންކެލީގެ ހުއްދަ ލިބގެންނެވެ. މިމައްސަލާގައި ކުޝްނާ އާއި އިވަންކާ ކުރައްވާ ޝަކުވާތަކަށް ޖެނެރަލް ޖޯންކެލީ ދެއްވަނީ ބީރުކަންފަތެއް ކަމަށްވެއެވެ.

ޖެނެރަލް ކެލީ ވަނީ ވައިޓް ހައުސްގެ މުވައްޒަފުން އަމަލުކުރަންޖެހޭނީ އޭނާގެ އޯޑަރަށްކަން މެމޯއަކުން އަންގަވާފައެވެ. އަދި ބޭނުންގޮތަކަށް މުވައްޒަފުންނަށް އަމުރުތައް ކުރުމާއި އަދި ކަންކަންވެސް ބޭނުންގޮތަކަށް ކުރުމުގެ ފުރްސަތު ކެލީވަނީ ކުޝްނާ އާއި އިވަންކާގެ ކިބައިން ނިގުޅައިގެންފައެވެ. ނަތީޖާއެއްގެ ގޮތުން ކުޝްނާ އާއި އިވަންކާ ގެ ނުފޫޒު ވައިޓް ހައުސްގައި ވަރަށް ކުޑަވެފައިވާކަމަށް އެމެރިކާގެ އެންޓަޓައިންމެންޓް މަޖައްލާ އެއް ކަމަށްވާ "ވެނިޓީ ފެއާ" ބުނެއެވެ.

ކުޝްނާ ދާދިފަހުން ސައޫދީއަށް ވަޑައިގެން ސައޫދީ "ބާރުގަދަ މީހާ" އަދި އެގައުމުގެ ވަލީއުލްޢަހްދު މުހައްމަދު ބިން ސަލްމާން އާ ބައްދަލުކުރައްވައި ރޭވި ރޭވުންތަކާމެދުވެސް ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ޖޯން ކެލީ ވަނީ ކަންބޮޑުވާކަން ހާމަކުރައްވާފައެވެ. ކުޝްނާ އެދަތުރު ކުރެއްވީ ކެލީގެ ހުއްދަ ނުހޯއްދަވައި ކަމަށްވެއެވެ.

ސައޫދީ ސަލާމަތީ ބާރުތަކުން ކުއްލި ގޮތަކަށް މިމަހުގެ ކުރީކޮޅު އެގައުމުގެ ބައެއް އަމީރުންނާއި ކުރީގެ ވަޒީރުންނާއި އަދި އިސް ވިޔަފާރިވެރިންގެ އެތަށް ބަޔަކު ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރުކޮށް އެބޭފުޅުންގެ އަތުން 100 ބިލިޔަން ޑޮލަރު އަތުލުމަށް ވަލީއުލްޢަހްދު މުހައްމަދު ބިން ސަލްމާން މަސައްކަތް ފެއްޓެވީ ކުޝްނާ ދެއްވި ޚިޔާލުގެ ސަބަބުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެއިތުރުން ސައޫދީ ސަރުކާރުން ލުބްނާނުގެ ބޮޑުވަޒީރު ސަޢްދުލްހަރީރީ އަށް ދައުވަތު ދީގެން އެގައުމަށް ގެންގޮސް ހަރީރީ އަށް ފިއްތުންތައް ކުރިމަތިކޮށްގެން މަގާމުން އިސްތިއުފާ ދެއްވުމަށް އޭނާއަށް މަޖްބޫރު ކުރުވީވެސް ކުޝްނާގެ ޚިޔާލް އާ އެއްގޮތަށްކަމަށް ރިޕޯޓްތައް ބުނެއެވެ. އެކަންކުރި ކަމަށްވަނީ އެދެބޭފުޅުން އީރާނާ ދެކޮޅަށް ރޭވި ރޭވުމެއްގެ ދަށުންނެވެ.

ފަހުންވަނީ ފަރަންސޭސި ރައީސް އެކަމުގެ ތެރެއަށް ވަދެވަޑައިގެން އޭނާގެ ޚާރިޖީ ވަޒީރު ޖާންއިވް ލުދްރިޔާން ރިޔާޒަށް ފޮނުއްވައި ހަރީރީ ސައުދީންގެ އަތްދަށުން ސަލާމަތްކޮށްގެން ޕެރިހަށް ގެންގޮސްފައެވެ. އެއަށްފަހު ހަރީރީ ޕެރިހުން އެނބުރި ލުބްނާނަށް ވަޑައިގަތުމާއެކު ހަރީރީ ވަނީ މަގާމުން އިސްތިއުފާ ދެއްވުމަށް ސައޫދީގައި ހުންނަވައިގެން އޭނާ ނިންމެވި ނިންމެވުން ބަދަލުކުރައްވާފައެވެ.

ކުޝްނާގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް

ކުޝްނާއަކީ ޔަހޫދީއެކެވެ. އޭނާގެ މައްޗަށް މިހާރުވަނީ އޭނާއާ ބެހޭގޮތުން ކުރެވޭ ތަހްގީގްތަކަކާ ގުޅޭ ލިޔުންތަކެއް ފޯޖް ކުރި މައްސަލައެއްގެ ތުހުމަތުވެސް ކުރެވިފައެވެ. މިއީ އެމެރިކާގައި ވަރަށް ޚުތޫރަތްތެރި މައްސަލައެއްކަމުން ކުޝްނާ މައިތިރިވެފައިވާއިރު އެކަމުގެ ހިޔަނީވަނީ އޭނާގެ ސިޔާސީ މުސްތަގްބަލަށް އެޅިފައެވެ.

ޓްރަމްޕް ރަޝިޔާއާ ގާތްގުޅުންތަކެއް ބޭއްވި މައްސަލަ ތަހްގީގް ކުރަމުން ގެންދެވި އެމެރިކާގެ އެފްބީއައިގެ ވެރިޔާ ޖޭމްސް ކޮމީ މަގާމުން ދުރުކުރުމަށް ޓްރަމްޕް ނިންމެވީވެސް ކުޝްނާ ދެއްވި ލަފާގެ ސަބަބުންނެވެ. މިކަމުގެ ސަބަބުން ޓްރަމްޕަށްވަނީ އެމެރިކާގެ އެތެރޭން ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފައެވެ.

މީގެއިތުރުން ކުޝްނާގެ މައްޗަށްވަނީ ރަޝިޔާއާއެކު ޣައިރު ގާނޫނީ މުއާމަލާތްތަކެއް ކުރެއްވި ކަމުގެ ތުހުމަތުތަކެއްވެސް ކުރެވިފައެވެ. މިމައްސަލަތަކާއެކު ޓްރަމްޕްވެސް ކުޝްނާއާ މެދު މިހާރު ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވާ ކަމަށްވެއެވެ.

އިވަންކާއާއި ފިރިކަލުން ކުޝްނާ ވޮޝިންގްޓަން ދޫކުރައްވައި ދިރިއުޅުން ނިޔުޔޯކް އަށް ބަދަލުކުރެއްވުމަށް ޓްރަމްޕް އެދިވަޑައިގެންނެވީވެސް މިސަބަބުތަކާ ގުޅިގެން ކަމަށް އެމެރިކާގެ މީޑިޔާ ބުނެއެވެ.