25 Nov 2017, 09:16
ސަންޖޭ ލީލާ ބަންސާލީގެ ފިލްމު 'ޕަދްމާވަތީ' ރިލީޒް ކުރުން ފަސްކުރުމާ އެކު، ޑިސެމްބަރު އެކެއްގައި ކޮމީޑިއަން ކަޕިލް ޝަރްމާގެ ފިލްމު 'ފިރަންގީ' ރިލީޒް ކުރަން ނިންމައިފިއެވެ.
ކުރިން އެ ފިލްމު ރިލީޒް ކުރަން ހަމަޖައްސައިފައި އޮތީ ނޮވެމްބަރު 24 ވަނަ ދުވަހު އެވެ. ނަމަވެސް މިހާރު މިވަނީ ޑިސެމްބަރު އެކެއްގައި ފިލްމު ރިލީޒް ކުރަން ނިންމައިފައެވެ. އެއީ ކުރިން 'ޕަދްމާވަތީ' ރިލީޒް ކުރަން ކަނޑައަޅައިފައި އޮތް ތާރީޚެވެ. ފިލްމު ރިލީޒް ކުރުން ފަސްކޮށްފައިވާ ކަން ހާމަކޮށްފައި ވަނީ ޓްރޭޑް އެނަލިސްޓު ތަރަން އާދަރްޝް ކުރި ޓުވީޓެއްގައެވެ.
ރާޖީވް ދިންގްރާ ޑައިރެކްޓު ކުރާ އެ ފިލްމުގައި ކަޕިލް ޝަރްމާ އާއެކު ލީޑު ރޯލުން ފެނިގެން ދާނީ އިޝީތާ ދައްތާއެވެ.
'ޕަދްމާވަތީ' ރިލީޒް ކުރުން ފަސްކުރުމާ އެކު ތިން ފިލްމެއް ރިލީޒް ކުރާ ތާރީޚު ވަނީ ބަދަލުކޮށްފައެވެ. އެއީ 'ފިރަންގީ'ގެ އިތުރުން 'ފުކްރޭ ރިޓާންސް' އަދި ނަވާޒުއްދީން ސިއްދީގީގެ 'މަންސޫން ޝޫޓްއައުޓް' އެވެ.
ޕަދްމާވަތީ ރިލީޒް ކުރުން ފަސްކުރުމާ އެކު އެ ދެ ފިލްމު ރިލީޒް ކުރާ ތާޜީޚު ވަނީ އަވަސްކޮށްފައެވެ. އޭގެ އިތުރުން ސަލްމާން ޚާން އަދި ކެޓްރީނާ ކައިފްގެ 'ޓައިގާ ޒިންދާ ހޭ' ރިލީޒް ކުރާ ތާރީޚަށް ވެސް ބަދަލު އައުން އެކަށީގެންވާ ކަމަށް ބައެއް ޚަބަރުތައް ބުނެ އެވެ. ފިލްމު ރިލީޒް ކުރަން ހަމަޖެހިފައި އޮތީ ޑިސެމްބަރު 22 ވަނަ ދުވަހު އެވެ.