ބަތަލާ ކަންގަނާ ރަނައުތުގެ ކުރިއަށް އޮތް ފިލްމު 'މަނީކަރްނިކާ: ދަ ކުއީން އޮފް ޖާންސީ'ގެ ޝޫޓިންގައި އޭނާއަށް އަނެއްކާ ވެސް އަނިޔާ ވެއްޖެއެވެ.

ބުދަ ދުވަހު ކަންގަނާގެ ކަނާތު ފަޔަށް އަނިޔާވެފައި ވަނީ ފިލްމުގެ އެކްޝަން މަންޒަރުތަކެއް ޝޫޓު ކުރަން އުޅުމުގެ ތެރޭގައެވެ.

ފިލްމުގައި ކަންގަނާ ފެނިގެން ދާނީ ރާނީ ލަކްޝްމީ ބާއީގެ ރޯލުންނެވެ. ޖޯދުޕޫރުގެ މަރަންގަރް ފޯޓްގައި ބުދަ ދުވަހު ޝޫޓު ކުރަމުން ދިޔައީ ރަނީ ރަކްޝްމީ ބާއީ، އޭނާގެ އެޑޮޕްޓުކޮށްފައިވާ ދަރިފުޅު ދަމޯދަރު ގޮވައިގެން 40 ފޫޓު އުސް ފާރެއްގެ މަތިން އަހެއްގެ މައްޗަށް ފުންމާލާ މަންޒަރެވެ.

ކަންގަނާއަށް އަނިޔާވީ ނުބައިކޮށް ފުންމާލެވުމުން، ކޮނޑުގައި އޮތް ކުއްޖާއަށް ގެއްލުމެއް ވެދާނެތީ އެކުއްޖާ ސަލާމަތް ކުރަން އުޅުމުގެ ތެރޭގައެވެ.

ވަގުތުން ކަންގަނާ ހޮސްޕިޓަލަށް ގެންގޮސްފައި ވާއިރު، ފައިގެ ލިގަމެންޓެއް ވީދައިގެން ގޮސްފައިވާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. އަދި ހަފްތާއެއް ވަންދެން އަރާމު ކުރުމަށް ޑޮކްޓަރުން ވަނީ ލަފާދީފައެވެ.

މިއީ 'މަނީކަރްނިކާ'ގެ ސެޓުގައި ކަންގަނާއަށް އަނިޔާވި ދެވަނަ ފަހަރެވެ. މީގެ ކުރިން ކަންގަނާގެ ނިތްކުރީގައި ކަނޑިއަކުން ޖެހި ވަނީ ޒަޚަމްވެފައެވެ.

ފިލްމުގެ ބޮޑުބައި ޝޫޓުކޮށް މިހާރު ވަނީ ނިމިފައެވެ. ކަންގަނާގެ ފައި ރަނގަޅުވީހާ އަވަހަކަށް ބާކީ ހުރި މަންޒަރުތައް ޝޫޓުކުރަން ފަށާނެއެވެ.