ތަކެތީގެ އަގު ބޮޑުވާމާ ދެކޮޅަށް ޒުވާނުން އިސް ނަގައިގެން މީގެ ތިމަސް ދުވަސް ކުރިން ކުރި މުޒާހަރާތައް ހުއްޓާލާފައި އޮތުމަށް ފަހު "ތަކެތީގެ އަގު ބޮޑުވަނީ ރައްޔިތުން ހަނާވަނީ" އެ ނަމުގައި ޒުވާނުންތަކެއް މިރޭ އާޓިފިޝަލް ބީޗަށް އެއްވެ ފެށި މުޒާހަރޭ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވަމުންދިޔަ އިބްރާހިމް ނާޒިމް މިރޭގެ މުޒާހަރާގެ ތެރެއިން ފުލުހުން ހައްޔަރުކޮށްފި އެވެ.

އާޓިފިޝަލް ބީޗުގައި ހުރި ސަންގެ ނޫސްވެރިޔާ ބުނީ މުޒާހާރާގައި ގިނަ ބަޔަކު ބައިވެރިވެފައި ނުވާ ކަމަށާއި މަދު ބަޔަކާއެކު ޝުއޫރު ފާޅު ކުރަމުން ދަނިކޮށް މުޒާހަރާގައި އިސްކޮށް ހަރަކާތެރިވި ޒެޑެފެކްޝަންގެ އެކްޓިވިސްޓް ނާޒިމް ހައްޔަރުކޮށް ފުލުހުންގެ ވެހިކަލަށް އަރުވާފައިވާ ކަމަށެވެ.

"މުޒާހަރާ ކުރަން ތިބި މީހުން ކުރިއަރައި މަގުތަކަށް ނުކުތަ ނުދީ ފުލުހުން ވަނީ އާޓިފިޝަލް ބީޗާ ހަމައަށް ފަހަތަށް ޖައްސާފައި. މުޒާހަރާގެ މާ ބޮޑު ފޯރިއެއް ނެތް،" ސަންގެ ނޫސްވެރިޔާ ބުންޏެވެ.

މުޒާހަރާ ކުރާ ސަރަހައްދުގައި މަދު ބަޔަކު ތިބި އިރު އެމީހުން ބޭނުން ކުރި ޕިކަޕްވެސް ފުލުހުން ހިފަހައްޓައި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.