ބޮލީވުޑް އެކްޓަރު ވަރުން ދަވާން ޓްރެފިކްގައި އިނދެ، ސަޕޯޓަރަކާ އެކު ނެގި ސެލްފީއެއްގެ ސަބަބުން އޭނާ ޖޫރިމަނާކޮށްފި އެވެ.

ޓްރެފިކްގައި މަޑުކޮށްގެން އިނދެ ވަރުން ނެގި ފޮޓޯ އާންމުވުމާ އެކު މުމްބާއީ ފުލުހުން ވަނީ ޓުވިޓާ މެދުވެރިކޮށް ވަރުންއަށް ނަސޭހަތް ދީފައެވެ.

އެ ޓުވީޓުގައި ބުނެފައި ވަނީ ފިލްމުތަކުގައި އެފަދަ ކަންކަން ކުރެވުނަސް މުމްބާއީގެ މަގުތަކުގައި އެކަން ނުވާނެ ކަމަށެވެ. އެކަމުގެ ސަބަބުން ވަރުންގެ އިތުރުން، އޭނާގެ ސަޕޯޓަރަށާއި އެތައް ބަޔަކަށް ނުރައްކާ ވާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަދި އެއީ ވަރުން ފަދަ ޒިންމާދާރު މީހެއްގެ ފަރާތުން ފެނިގެން ވާނެ ކަމެއް ނޫން ކަމަށް ވެސް ބުނެފައިވެއެވެ. އަދި ޖޫރިމަނާ ކޮށްފައިވާ ކަމަށާއި ދެން އެފަދަ ކަމެއް ތަކުރާރު ވެއްޖެ ނަމަ، އެއަށްވުރެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެ ޓުވީޓުގައިވެއެވެ.

ފުލުހުންގެ ޓުވީޓާ ގުޅިގެން ވަރުން ވަނީ މައާފަށް އެދިފައެވެ. އަދި ފޮޓޯ ނެގީ ޓްރެފިކްގައި މަޑުކޮށްގެން އިން އިރު ކަމަށާއި ފޮޓޯ ނެގީ ސަޕޯޓަރެއްގެ ހިތުގައި ނުޖެއްސުމަށް ކަމަށް އޭނާ ބުންޏެވެ. އަދި ދެން އެފަދަ ކަމެއް ތަކުރާރު ނުވާނެ ކަމަށް ވެސް ވަރުން ބުންޏެވެ.

ޖަވާބުގައި ފުލުހުން ބުނީ ކާރު މަޑުކޮށްފައި އޮތް ނަމަވެސް، ވަރުން ފަދަ މަޝްހޫރު މީހަކު އެފަދަ ކަމެއް ކުރުމުން ޓްރެފިކްގައި ތިބި އިތުރު މީހުންގެ ސަމާލުކަން ގެއްލޭނެ ކަމަށެވެ.